ކުޅިވަރު

ރޮނާލްޑޯ ގޯލް ޖެހި ނަމަވެސް ރަތަކާއެކު ޔުނައިޓެޑަށް ހުތުރު ބައްޔެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޔަންގް ބޯއީސް އަތުން ބަލިވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޔަންގް ބޯއީސްއިން ރޭ އެޓީމުގެ ދަނޑުގައި ޔުނައިޓެޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި މެޗުގެ ނަތީޖާ އަނބުރާލުމަށް ޔަންގް ބޯއީސް އަށް ފުރުސަތު ފަހިވީ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ޑިފެންޑަރު ވެން ބިސާކާ އަށް ދެއްކި ރަތް ކާޑާ އެކުގައެވެ. ޔަންގް ބޯއީސްގެ ކްރިސްޓޮފާ މާޓިސްގެ ފައިގެ ކުޑަ ހުޅަށް ބިސާކާ ކުރި ޓެކުލަށް ރެފްރީ ދައްކާފައި ވަނީ ސީދާ ރަތެކެވެ.

ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ޔުނައިޓެޑުން ރޮނާލްޑޯ ހިމަނާފައިވާއިރު، އެ މެޗަކީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކުޅުނު 177 ވަނަ މެޗެވެ. ރޭގެ މެޗާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅެގެން ރެކޯޑު ހަދާފައިވާ އީކާ ކަސިލަސްގެ ރެކޯޑާ ހަމަކޮށްފައެވެ. މެޗު އެތައް ގޮތަކުން ރޮނާލްޑޯ އަށް ހާއްސަވެފައި އޮތްއިރު، ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދިނީވެސް އޭނާއެވެ.

ބްރޫނޯ ފެނާންޑޭޒްގެ ހިތްގައިމު ޕާސް ގޯލްގެ ތެރެއަށް ވައްދާލައި، ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ ހަތަރުވަނަ މިނެޓުގައެވެ.

މެޗުގެ ކޮންޓްރޯލްގައި ކުޅެމުން ދިޔަ ޔުނައިޓެޑަށް އުނދަގޫވީ ހާފް ނިމެން އުޅެނިކޮށް ބިސާކާއަށް ދެއްކި ރަތްކާޑާ އެކުގައެވެ. ދެވަނަ ހާފް ރަނގަޅަށް ފަށައި، ޔަންގް ބޯއީސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ނައޯމީ ގަމެލޫއެވެ. ޔަންގް ބޯއީސް މެޗުން މޮޅުވި ގޯލް ޖެހީ ފަހު މިނެޓުގައެވެ.

އެޓީމުން ޖެހި ގޯލަކީ ޔުނައިޓެޑްގެ ޖެސޭ ލިންގާޑު ފަހަތަށް ޖައްސާލި ބެކް ޕާހެއް ނާކާމިޔާބު ވުމުގެ ފައިދާ ނަގައިގެން ޖެހި ގޯލެކެވެ. ލިންގާޑުގެ ބެކް ޕާސް ގޯލް ކުރިމަތިން ހޯދައި، ޔަންގް ބޯއީސް މޮޅު ކޮށްދިނީ ސީބްޓްޖޫ އެވެ.

ޔުނައިޓެޑުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުންވެސް ކަޓައިގެން ޔޫރޮޕާއަށް ގޮސްފައިވާއިރު، އެޓީމުން ވަނީ މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ފައިނަލް ކުޅެފައެވެ. އެޓީމުން ފައިނަލް ކުޅުނީ ވިލަރެއާލްއާ ދެކޮޅަށެވެ. ޔުނައިޓެޑުން މިއަހަރުގެ ގްރޫޕް ސްޓޭޖުގައި ދެން ކުޅޭ މެޗުގައި 29 ސެޕްޓެމްބަރު ވަނަ ދުވަހު ނުކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ.