ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40)، ރޭ އިރުއޮއްސި 6:00 ހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދައި ކުއްލިއަކަށް ވެއްޓުމާ ގުޅިގެން، އިމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވާއިރު، ލިޔެކިޔުމުން ހުށަހެޅުމުން، އޭނާ ވެއްޓުނު ވީޑިއޯ އާއިލާއަށް ދައްކާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު މިހެން ވިދާޅުވީ، އަސްލަމް އަށް ހުޅުމާލެ ޖަލުގައި އަނިޔާކޮށް މަރާލިކަމަށް އޭނާގެ އާއިލާއިން ތުހުމަތު ތަކެއް ކޮށްފައި ވަނިކޮށެވެ.

އެގޮތުން އަސްލަމް މަރުވީ އިއްޔެ އިރުއޮއްސި 6:00 ހާއިރު ޔާޑު ސަރަހައްދުގައި އިށީނދެގެން އިންދައި ކުއްލިއަކަށް ވެއްޓުމާ ގުޅިގެން، އިމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަނި ކޮށް ކަމަށާއި އޭނާ މަރުވެފައިވަނީ ރޭ 8:23 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލުގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މީހެއް ކަމަށާއި، އަދި އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުން އައި މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަސްލަމް ވެއްޓުމުން އެންމެ ފުރަތަމަވެސް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ. އެއީ އެފަދަ ކަމެއް ދިމާވުމުން ކަންކުރަން އޮންނަ އުސޫލު ކަމަށްވާތީ. ދެން އެއަށްފަހު އަޅުގަނޑުމެން ވާނެ އަސްލަމްގެ އާއިލާއަށްވެސް އިންފޯމް ކޮށްފަ. އަޅުގަނޑުމެން އިންފޯމް ކުރުމުން އާއިލާއިން ހޮސްޕިިޓަލަަށް އައީ. އަޅުގަނޑުމެން ގަސްތުގައި އެއްވެސް މީހަކަށް އަނިޔާ ދީ ނުމަރާނެ." ކަރެކްޝަންގެ މީޑިއާ އޮފިސަރު ބުންޏެވެ.

ކަރެކްޝަނުން އިތުރަށް ބުނީ، އަސްލަމް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ޑޮކްޓަރުން ބައްލަވާފައި ހުއްދަ ދެއްވުމުން، އާއިލާއަށް ވެސް ވަންނަން ފުރުސަތު ދީފައި ވާނެ ކަމަށެވެ.

ގައިދީގެ މި މަރާ ގުޅިގެން އާއިލާއިިން ކުރާ ތުހުމަތު ތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ހުށަހަޅުއްވައިފަ އެވެ.