ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ގަޑިއަކުވެސް ސަރުކާރުގެ އޮފީސްތަކަށް ޝަކުވާ ހުށަހެޅޭނެ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް އިފްތިތާހު ކުރައްވައިފިއެވެ.

މިކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި މި ހިދުމަތް ތައާރަފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ހިދުމަތް އިފްތިތާހު ކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ހިދުމަތެއް ކަމަށެވެ. އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށް ވުރެ ހަލުވިކޮށް މުވާސަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި ހިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާ ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން. ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުން. އޮފީސް ހުޅުވަންދެން އިންތިޒާރު ކުރަން ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުން އަންނަ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން،"

ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލް ވަމުން ކަމަށެވެ. ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއްހެން މިހާރު އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރު ވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެން ދާނެ ކަމަށެވެ. މިއީ، ރައްޔިތުންނަށް ހިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެން ދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން،"

ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަން ޖެހޭ އާންމު މިންގަނޑުތަކާއި ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާން ކުރާ ސަރވިސް ޗާޓަރުތައް އާންމު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމު ކުރެވޭނެ. މީގެ އިތުރުން ސާވިސް ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ. މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެ،"

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާއި ސަރުކާރާ ދެމެދު މުވާސަލާތު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ތައާރަފުވެގެން އަންނައިރު، ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް މިކަންކަމަށް ވިސްނައި، ރައްޔިތުންނަށް އަވަހަށް ހިދުމަތް ދެވޭނެ ގޮތްތައް، ދުރާލައި އިންތިޒާމުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.