ޚަބަރު

ނާޒިމާއި ރިޔާޒަށް 10 މިލިއަން ހަރަދުކުރިން، އެބޭފުޅުންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް: ގާސިމް

އަލީ އަފާފު ރަމީޒު

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމަށް ދިހަ މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދެބޭފުޅުންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްކަން މިއަދު ސާބިތުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ ނާޒިމާއި ރިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ ޕާޓީގެ ހިންގުން ރިޔާޒަށް ހަވާލުކުރުމަށް ގާސިމްގެ އަރިހުން އޭނާ އެދުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވެން އޮންނަ މަގުން ކުރުމަށް ރިޔާޒްގެ އަރިހުން އެދުނު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ ޑިމޮކްރަސީއަށް މަސައްކަތް ކުރި އިރު، އެންމެ ބޮޑަށް އަޑުއުފުލި ފަރާތްތައް ހައްޔަރުކޮށް ޖަލަށްލައި ތަހުގީގު ކުރަން ތިބި ފަރާތްތަކަކީ ނާޒިމާއި ރިޔާޒު ކަމަށެވެ. އެހެންކަމުން އެބޭފުޅުން ރައްޔިތުންނަށް ލޯތްބާއި އަޅާލުމާއި ހަމްދަރުދީއެއް ނޯންނާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކަށަވަރު މި ދެމީހުން އިސްވެ ތިބެގެން މި ހަދާ ޕާޓީއަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ވިދާޅުވާ ރަނގަޅު އެއްވެސް ކަމެއް ކޮށް ނުދޭނެކަން. އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު މަޖިލީހަށް އިންތިހާބު ކުރުމަށް އެ ޕާޓީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޕާޓީގެ ނަމުގައި ހޮވުމަށްފަހު، ޕާޓީ ދޫކޮށްފައި ދިއުމަކީ އެބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓުގައި މަޖިލީހަށް ހޮވޭ މެމްބަރުން ދައުރު ނިމެންދެން އެ ޕާޓީގައި މަޑުކުރުމަކީ މެމްބަރުންގެ ހައްގެއް ކަމަށެވެ. ނަމަވެސް ފަސް އަހަރު ނިމެންދެން ނާޒިމާއި ރިޔާޒަށް އެ ޕާޓީގައި މަަޑުކޮށް ނުލެވުނު ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނާޒިމަށް ޑިފެންސް މިނިސްޓަރު ކަމާއި ރިޔާޒަށް ޕޮލިސް ކޮމިޝަނަރުކަން ދިނީ އޭނާ އާދޭސްކޮށްގެން ކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންގެ އަސްލު ހަގީގަތް މިއަދު ހާމަވެފައިވާ ކަމަށާއި އިހުލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ހަރަދު ކުރި 10 މިލިއަން ރުފިޔާ އަނބުރާ ދިންނަމަ އަޅުގަނޑުމެން މި ޕާޓީގެ ކުރިއަށް ކުރަން ހުރި މަސައްކަތްތަކަށް ރަނގަޅުވީސް. ނިދިން ހޭލެވުނީމަ އެ 10 ވަރަކަށް މިލިއަން ރުފިޔާ ހުރި ނަމަ ކޮންމެވެސް އެއްޗަކަސް ވީސް ދެއްތޯ،" ގާސިމް ވިދާޅުވިއެވެ.

ނާޒިމާއި ރިޔާޒަކީ ވަރަށް ކައިރިން ގެންގުޅުއްވި ދެ ބޭފުޅުން ކަމަށާއި ހާއްސަކޮށް ރިޔާޒަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ބޭފުޅަކަށް ވާތީ އެމަނިކުފާނަށް ވަރަށް އިތުބާރު ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.