ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފިއެވެ.
މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރި ނަމަވެސް، އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ނުވާ ކަމަށެވެ. އަދި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަލީ ވަހީދުގެ މައްޗަށް ޝަރީއަތެއް ސާބިތެއްވެސް ނުވޭ، އަޅުގަނޑު ގަބޫލުކުރާ ހިތް ނުވެގެނެއް ނޫން މި ހުންނަނީކީ އެމަނިކުފާނު ހުންނެވީ ފްރޭމްކޮށްފައި ނޫން ކަމެއް. ބައެއް ފަހަރު އެހެންވެސް ހިތަށް އަރާ. އެހެން ނޫންނަމަ ކީއްވެގެންހޭ ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން އަމަލުކޮށްފައިވަނީ ގަބޫލުކުރަން ދަތި ގޮތަކަށް ކަމަށެވެ. އެގޮތުން އޭނާ މަގާމުން ވަކި ކުރުމުން، ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލްވެފައިވާ އިރު، އެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދެންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ނިމިގެންދާ އިރު، އޭނާގެ ބޮލުގައި އެކަމުގެ ޒިންމާ އެޅުވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެހާ ގިނަ އަންހެން ކުދިންތަކެއް ރޭޕްކުރަން އުޅެފާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ގާސިމް ވަނީ އަލީ ވަހީދު އެފަދަ ކަމެއް ކޮށްފައި އޮވެދާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމިގެންދާއިރު އަލީ ވަހީދުގެ ބޮލުގައި އެއްވެސް ޒިންމާއެއް އެޅުވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެވަރަށް އަންހެން ކުދިންތަކެއް ރޭޕް ކުރަން އުޅެފާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ދަތި. އެހެން ނަމަވެސް ވެދާނެ. ކަމެއް ކޮށްފައި އޮތް ކަމަށްވެސް ވެދާނެ،" ގާސިމް ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ. އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
މީގެ އިތުރުން ކޯޓު އަމުރު ރައްދުވުމުންވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އޭނާ ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކަން އެގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު