އެކައުންޓިންއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާ އެކު ބެލެހެއްޓުމާއި ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުން ނޫން ކަމަށާއި އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިގުތިސޯދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހާއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް އެދޭ ކޮންމެ ގައުމެއްގެ ސިޔާސަތުތައް ބިނާވާން ޖެހޭނީ އިތުބާރާއި ޒިންމާދާރުކަމާއި ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށާއި މިކަމުގެ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށެވެ.

ފޯރަމްގެ މިއަހަރުގެ ޝިއާރު ކަމަށްވާ "ނެވިގޭޓިން ޗޭންޖް، ބިލްޑިން ރެޒިލިއަންސް" އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގައުމު ދަތުރުކުރަމުންދާ މިސްރާބާ ވަރަށް ބޮޑަށް ގުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އާމްދަނީ އިތުރު ކުރުމަށާއި ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ގެނައުމަށް ފެއްޓެވި އިސްލާހި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން މިނިސްޓަރު ވިދާޅުވީ، ފިޗް ރޭޓިންގްސް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް އެ ބޮޑު ދަރަނި އަދާކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ހަގީގީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫން ކަމަށެވެ. އެހެންކަމުން އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސީލުވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ތަސައްވުރު ހާސިލުކުރެވޭނީ ޕްރައިވެޓް ސެކްޓަރު އިސްވެ އޮންނަ، ފުޅާ އަދި ޑިޖިޓަލް އިގުތިސޯދަކާއި އުފެއްދުންތެރިކަން އިތުރުވެފައިވާ އަދި ހަރުދަނާ މާލީ ދާއިރާއެއް އޮވެގެން ކަމަށާއި މި ހުރިހާ ކަމެއްގައިވެސް އިތުބާރުހުރި މާލީ މައުލޫމާތާއި މުއައްސަސާތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.