241 ކޮމެޓީ

ސިރާޖަށް އަނިޔާކުރި ފުލުހުންނަށް ޖިނާއީ ދައުވާކުރަން ފޮނުވަން މަޖިލީހަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ވައްކަންކުރި ކަމުގެ ތުހުމަތުގައި، ލ.ކަލައިދޫ ސްވީޓްހާޓް އަހުމަދު ސިރާޖު ހައްޔަރު ކުރުމަށްފަހު އިސްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއަށް އަނިޔާކުރި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އިން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ލ.ކަޅައިދޫ މޫނިމާގެއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި އެރަށު ސްވީޓްހާޓް އަހުމަދު ސިރާޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިސްދޫ ޕޮލިސް ސްޓޭޝަންގެ ކޮޓަރިއަކަށް ވައްދައި އޭނާއަށް އަނިޔާ ކޮށްގެން ކޮމެޓީން ބަލައިފައިވާ މައްސަލައެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކޮށް ސިރާޖަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންނާ މެދު އިދާރީ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އެގޮތުން އެ މައްސަލައިގައި ތިން ފުލުހަކު، އަށްމަސް ދުވަސް ވާންދެން ކައިރިން ސުޕަވައިޒް ކުރެވޭނެ ގޮތަށް ވަޒީފާ އަދާކުރުމުގެ ކަންތައް ހަމަޖެއްސުމުގެ އިތުރުން، ދެ ފުލުހަކަށް ގާބިލުކަން އިތުރުވާ ފަދަ ހާއްސަ ކައުންސެލިން ވަނީ ދީފައެވެ.

ނަމަވެސް އިތުރަށް މި މައްސަލަ ބެލުމަށްފަހު 241 ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނީ ސިރާޖަށް، ފުލުހުން އަނިޔާ ކުރުމަކީ އެންޓީ ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ފުލުހުންނަށް ގަބޫލު ކުރެވޭ ހާލަތުގައި އިދާރީ ފިޔަވަޅެއް އަޅައި އެފަދަ މައްސަލައެއް ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ގާނޫނެއްގައި ބަޔާން ކޮށްފައިވާ ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ އެ ކުށްކުރި ފަރާތާ މެދު ޖިނާއި އަދުލުގެ ނިޒާމުގައިވާ ގޮތުގެ މަތީން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސިރާޖަށް ލިބިފައިވާ ބައެއް އަނިޔާ ތަކަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ލިބިފައިވާ އަނިޔާތަކެއް ކަން ފުލުހުންގެ ތަހުގީގުން ފާހަގަ ކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެ އަމަލަކީ ޖިނާއީ ދައުވާ ކުރެވިދާނެ އަމަލެއް ކަމުން، އެކަމަށް ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފުލުހުންނަށް އެންގުމަށް ވެސް ހިމަނާފައިވެ އެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތްތައް ތަހުގީގު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭ މުއްދަތުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަކީ އެކަމަށް އަހައްމިއްޔަތުކަން ދީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ތަރުހީބު ދޭ ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ފުލުހުންނަށް ދެންނެވުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

މި ރިޕޯޓާމެދު ގޮތެއް ނިންމުމަށް ރައްިޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން، ރިޕޯޓަށް މެންބަރުން ބަހުސްކޮށް، މާދަމާ ވޯޓަށް އަހަން ވަނީ ނިންމައިފައެވެ.