ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހް ލިވަޕޫލް ޖާޒީގައި ޖެހި 100 ވަނަ ގޯލާއެކު ރޭ އެޓީމުން 3-0 އިން ލީޑްސް ބަލިކޮށްފިއެވެ.
ލީޑްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވާއިރު، އެ މެޗުން ލިބުނު މޮޅާއެކު އުފާވެރިކަމުގައި ތިބި ލިވަޕޫލަށް ރޭގެ މެޗުން ލިބުނު މާޔޫސް ކަމަކީ އުންމީދީ ކުޅުންތެރިޔާ ހާވީ އެލިއޮޓަށް ލިބުނު ނުރައްކާތެރި އަނިޔާއެވެ. ދެވަނަ ހާފްގައި ލީޑްސްގެ ޕާސްކަލް ސުޓުރުޖިކް ކުރި ޓެކުލަކުން އެލިއޮޓްގެ ފައިގައި މަޑު މަޑުން ޖެހިލުމާއެކު، އޭނާގެ ފައި ފެނުނީ ކުޑަހުޅުން ނެއްޓިގެން ދިޔަތަނެވެ.
"އެއީ ވަރަށް ނުރައްކާތެރި އަނިޔާއެއް. ކުޑަހުޅު ނެއްޓިގެން ދިޔައީ، މިހާރު ވަނީ އަޅުވާފަ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަ. އަހަރެމެން ދެން ޖެހޭނީ އެލިއޮޓަށް ވާ ގޮތެއް ބަލަން އިންތިޒާރުކުރަން. އެނބުރި ދަނޑަށް ނެރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" ރޭގެ މެޗަށްފަހު ޔާގަން ކްލޮޕް ބުނެފައިވެއެވެ.
ލިވަޕޫލުގެ ޔޫތު ސިސްޓަމްގެ ތެރެއިން ސީނިއާ ޓީމަށް ނުކުތް އެލިއޮޓަށް މިއީ އޭނާ ވިދާލުމަށް ލިބުނު އެންމެ މުހިއްމު ސީޒަނެވެ. މިހާތަނަށް ސީޒަންގައި ލިވަޕޫލް ކުޅުނު ތިން މެޗުގައިވެސް އެލިއޮޓް ފުލްކޮށް ކުޅެފައިވާއިރު، އުމުރުން 18 އަހަރުގައި ބޮޑު އަނިޔާއެއް ލިބުން ވެގެން ދާނީ އޭނާއަށް އުނދަގޫ ހާލަތަކަށެވެ.
ލިވަޕޫލުން ރޭގެ މެޗު ޑޮމިނޭޓް ކޮށް، ލީޑްސް ކައިރީ އެޓޭކިން ފުޓުބޯޅައެއް ކުޅެފައިވާއިރު، ހަމަލާއަކަށްފަހު ހަމަލާއެއް އެޓީމުން އުފެއްދިއެވެ. ސަލާހުގެ ގޯލުން ލިވަޕޫލް މެޗުގެ ލީޑު ނަގާފައިވާއިރު، ދެވަނަ ގޯލް ޖެހީ ފަބީނިއޯ އެވެ. ކޯނަރެއްގެ އެހީގައި ފަބީނިއޯ ދެވަނަ ގޯލު ޖަހާފައިވާއިރު، އެތަކެއް ފުރުސަތެއް އޭގެ ފަހުންވެސް ލިވަޕޫލް ތަނަވަސް ކުރިއެވެ.
ހާއްސަކޮށް ސަޑިއޯ މާނޭ އާއި ޑިއޭގޯ ޖޮޓާ މުޅިން ހުސް ފުރުސަތުތަކެއް ބޭކާރު ކޮށްލިތަން ވެސް ފެނިގެން ދިޔައެވެ. އެތަކެއް ފުރުސަތަކަށްފަހު ލިވަޕޫލްގެ ތިންވަނަ ގޯލް ޖެހީވެސް މާނޭ އެވެ. ލިވަޕޫލް މިވަގުތު ތިންވަނައިގައި އޮތްއިރު، އެޓީމަށް ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ އެއްވަރަށް 10 ޕޮއިންޓް ލިބިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު