އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ބޮޑު ކެމްޕެއިން، "މަގޭ މަހަލްދީބް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ފުޓުބޯޅައިގެ ބައެއް ޝަހުސިއްޔަތުތައް ފެނިގެން ދިޔައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިންއާއި މާކެޓިންގެ ކަންކަން މިރޭ ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، އިވެންޓް ލީޑު ކޮށްފައިވަނީ ނޯވާ އެސޯސިއޭޝަންސްގެ ޓީމުންނެވެ. އިވެންޓުގެ ހޯސްޓަކީ ނިއުޝާދު ޝަރީފެވެ.
މިއީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ. އެހެންވެ މިއީ ރާއްޖޭން މުބާރާތް ފުލީ ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ.
މިރޭގެ ރަސްމިއްޔާތުގައި، ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ އާއި މެސްކޮޓާއި ތީމް ނަން އަދި ބްރޭންޑިން ވެސް ވަނީ ދައްކާލައިފައެވެ.
މިފަހަރުގެ ކެމްޕޭންގެ ރަސްމީ ނަމަކީ "މަގޭ މަހަލްދީބް" އެެވެ. މިއީ ރާއްޖެއަށް އަވަށްޓެރި ގައުމުތަކުން މުހާތަބުކުރާ ނަމެކެވެ. ދަނޑުގައި ސަޕޯޓަރުން ފޯރި އަރުވަން ބޭނުންކުރާނެ ޗޭންޓަކީ "މަހަލްދީބު" އެވެ. ސާފް ޗެމްޕިއަންޝިޕުގެ ބްރޭންޑިންގައި ބޭނުންކޮށްފައިވާ ޑިޒައިންތަކުގައި ހިމަނާފައިވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކެވެ. ލޯގޯ ޑިޒައިންގައި ވެސް ބޭނުންކޮށްފައިވަނީ މަސްތަކެކެވެ.
މިއަހަރުގެ މުބާރާތުގެ މެސްކޮޓަށް ދީފައިވާ ނަމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވަނަން، "ރެޑް ސްނެޕާ" އާ ގުޅުވައިގެން "ސްނެޕާ" އެވެ. ރަތް މަހެއް ރަމްޒުކޮށްދޭ "ސްނެޕާ" ވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ދައްކާލައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މި މުބާރާތުގެ ޕާޓްނަރުން އިއުލާންކޮށް، ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. މުބާރާތުގެ ކޯ ސްޕޮންސަރަކީ އެސްޓީއޯއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ.
މީގެ އިތުރުން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރުމާ ގުޅޭގޮތުން ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ތައްޔާރުކޮށްފައިވާ ފޮތެއް ވެސް ވަނީ ލޯންޗުކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް