ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، މާލޭ ނޫރު މިސްކިތު ތަނބެއްގައި ރާއްޖޭގައި ގަދަވާނީ "ބަންގާޅިން" ކަމަށާއި ބޭނުން ގޮތެއް ހަދާނެ ކަމަށާއި އަދި ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި ދިވެހި ގައުމު ސުންނާފަތި ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީއެވެ.
އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މެއި މަހުގެ ހަ ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށްފަހު، މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ދިނުމަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
އަދި ރާއްޖެއަށް ޓެރަރިޒަމުގެ ނުރައްކާ އޮތް އިރުވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތް ކަމަށް ނުދެކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނީ، މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާ އިރު، މިސްކިތުގެ ހުރުމަތް ކަނޑައި އެތަނުގެ ތެރޭގައި އިންޒާރު ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވައި ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު