ކ. މާފުށީގައި ދުއްވަމުންދިޔަ ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އަދިވެސް ހޭ ނާރާ ކަމަށް އާއިލާއިން ބުނެފިއެވެ.

ވަން" އަށް މައުލޫމާތު ދެމުން އާއިލާގެ މީހަކު ބުނީ ޒަހަމްވި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ހޭ ނާރާ ކަމަށެވެ.

"އަޅުގަނޑާ ދޮންބެ އާ މިވަގުތު މި ތިބީ އޭޑީކޭ ގަ. ވީ ގޮތެއްވެސް އަދި ނޭނގެ. އަދިވެސް ހޭ ނާރާތީ ވީ އެއްވެސް ގޮތެއް ކިޔައި ނުދެވޭނެތާ. އަޅުގަނޑުމެންވެސް ރަށު މަރުކަޒަށް ދިޔައީ އެކްސިޑެންޓްގެ ހަބަރު ލިބިގެން. މިކޮޅުން ޑޮކްޓަރުން އެމްއާރްއައި ހައްދާފަ ބުނީ މޫނުމަތީ ކަށިތައް ހަމަ އެއްކޮށް ބިންދައިގެން ގޮސްފަ ކަމަށް. މޭ ކަށިގަނޑެއްވެސް ބިންދައިގެން ގޮސްފައިވާ ކަމަށް." އާއިލާއިން ބުންޏެވެ.

އާއިލާ އިން އިތުރަށް ބުނީ، ޒަހަމްވި މީހާގެ މޫނުމަތި އެއްކޮށް ވަނީ ފިސްފިސް ވެފައި ކަމަށެވެ. އަދި ދަތްތައްވެސް ވަނީ ހަލާކުވެގެން ފައިބާފައި ކަމަށެވެ.

މާފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު ސަލްމާން ރަޝީދު "ވަން" އަށް މައުލޫމާތުދެއްވަމުން އިއްޔެ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެތަނުން އަވަސް ފަރުވާދިނުމަށްފަހު އޭޑީކޭއަށް ފޮނުވާފައިވާ ކަމަަށެވެ. އޭނާގެ އެތެރެ ހައްޓަށް ލިބިފައިވާ އަނިޔާ ނޭނގުނު ނަމަވެސް ބޭރު ފުށުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.

ސަލްމާން ވިދާޅުވީ ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން އޭނާގެ އަނގައިންވެސް ލޭ އަންނަ ކަމަށެވެ. އެހެންކަމުން އިމަޖެންސީކޮށް އަވަހަށް އޭނާ އޭޑީކޭއަށް ފޮނުވާލީ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދެ ލޯންޗު އެކްސިޑެންޓުވީ މަހަށް ގޮސް އުޅުމަށްފަހު ރަށަށް ލެފުމަށް، ދެ ލޯންޗު އެކީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭގެ ތެރެއިން އެއް ލޯންޗުގައި އިނީ އެންމެ މީހެއް ކަމަށާއި އަނިޔާ ވީ އެމީހާއަށް ކަމަށްވެސް ވިދާޅުވިއެވެ. އެ ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.

"ވަން' އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ 11 ސެޕްޓެމްބަރުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓްވެގެން އިމަޖެންސީގައި އޭޑީކޭއަށް ގެންދިޔަ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އެމީހާ އަށް އައިސީޔޫގައި ކްރިޓިކަލް ކެއާގެ ހިދުމަތް އަދިވެސް ދެމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވަން އަށް ވިދާޅުވީ، ކ. މާފުށީ ނެރުމަތިން ދެ ޑިންގީއެއް ޖެހި އެކްސިޑެންޓްވި ކަމުގެ މައުލޫމާތު ރޭ 21:35 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.