ރިޕޯޓް

އެންމެ ފަހުން ހިޔާ ފުލެޓް ދިރިއުޅުން "ލަގްޒަރީ" ކުރުމުގެ ބޮޑު ވިޔަފާރިގަނޑަކަށް!

ރިފާ ހަލީލު

11

ބުނެވޭ ގޮތުގައި، ހިޔާ މަޝްރޫއުން ފުލެޓު ދީފައި ވަނީ ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތް މީހުންނަށެވެ. ޓިވީތަކާއި ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިހުރި ވީޑިއޯތަކާއި ފޮޓޯތަކުން ހަމަ ހަގީގަތުގައިވެސް އެކަން ސާފުވެ އެވެ، އެމީހުންނަށް ހައްގު މިންވަރަކީ އަދި މި "ކޮތަރުކޮށި"ތައް ވެސް ނޫން ކަމަށް އެއް ބަޔަކު އަޑު އުފުލި އެވެ. އެފަދަ އެންމެނަށް ހިޔާ ފުލެޓުން ތަންކޮޅެއް ލިބުމަކީ ވަރަށް ގިނަ ބަޔަކު އަޑު އުފުލަމުން އައި ކަމެކެވެ.

ހައްގުވެރީންނަށް ކަމަށް ބުނާ މީހުންނަށް ފުލެޓުު ހަވާލު ކުރިތާ ދޮޅުމަސްވެސް އަދި މިއުޅެނީ ނުވެގެންނެވެ. ފިނިޝިން މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު މި ތިން މަހަކީ އެއްވެސް އަގަކާނުލައި ފުލެޓުތަކުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތެކެވެ. މެއިންޓެނެންސް އަގާ އެކު ކޮންމެ މަހަކު ދައްކަން ޖެހޭނީ 8500 ރުފިޔާ އެވެ. އެކަމަކު އެއީވެސް ޑިސެމްބަރުން ފެށިގެންނެވެ.

ދެން ފެނިގެން ދިޔައީ ކުލި ކުޑަކުރަން ގޮވާލައި އިހުތިޖާޖު ކުރާތަނެވެ. މި ފުލެޓުތަކަކީ ކުދި ކޮތަރު ކޮށިތަކެކޭ ބުނެ ގޮވަމުން ދާ އަޑުތަކެވެ.

އެއްބަޔަކު ފިނިޝިންގެ މަސައްކަތް ނިންމުމަށް އަވަދިނެތިވެ ނޫނީ ނިމުނު ވަރަކަށް ނިންމާލުމަށްފަހު އެތަންތަނުގައި ދިރިއުޅެމުން އަންނަ އިރު އަނެއް ބަޔަކު އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމުގެ ވިޔަފާރީގައި އަވަދިނެތި އުޅޭ މަންޒަރުތައް ގިނަވެ އެ އަޑުތައް ވެސް މިހާރު މި އޮތީ ގަދަ ވެފަ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓު ފޯމްތަކުގައި ފާޅުކަން ބޮޑު ގޮތަކަށް މިތަންތަން 10،000 ރުފިޔާ އާއި 12،000 ރުފިޔާ އަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ޖަހާފައި ހުރިތަން ފެނިގެން އެބަދެ އެވެ. މިއާއެކު ފުލެޓު ބޭނުން ވެގެން ފުލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަ ނުވާ މީހުންނާއި ދެންވެސް ތިބި ރައްޔިތުން ކެކި އަރަން ފަށައިފި އެވެ. ވާނީވެސް އެހެންނެވެ. މިއީ ނިކަމެތި ކަމުގެ ސަބަބުން ނުވަތަ ދިރިއުޅެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމެވެ. އެކަމަކު މިތަނުގެ ވިޔަފާރި ކުރާނީ ހަމަގައިމުވެސް ދިރިއުޅެވޭނެ ތަނެއް ހުރި މީހެއްކަން ޔަގީނެވެ. ނުވަތަ މިއަށްވުރެ މަތީ ފެންވަރުގެ ދިރިއުޅުމަކަށް ބަދަލު ވެވޭނެ މީހެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ދީފައިވާ އެއްވެސް ތަނަކީ ކުއްޔަށް ދެވޭނެ ތަންތަނެއް ނޫނެވެ. އަދި އެތަންތަން ކުއްޔަށް ދިނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. މިއާ ގުޅިގެން އެކި ފިޔަވަޅުތައް އަޅައެވެ. އެގޮތުން މީގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ފުލެޓު ލިބުނު މީހުން އަތުން ފުލެޓު އަތުލާފައިވެސް އެބަހުއްޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން ލިބުނު ފުލެޓުތައް ކުއްޔަށް ދޭން ޖަހާފައި ހުރި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ "ވަން" ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސުހައިލް ވިދާޅުވީ ފުލެޓުތައް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމުގައި އަންގާފައި ވާނޭ ކަމަށާއި މިއީ ހައުސިން ޕޮލިސީއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އެކަން އެގްރިމަންޓުގައި ފާހަގަވެސް ކޮށްފައިވާނެ ކަމަށާއި ކުއްޔަށް ދީފި ނަމަ އަޅާނެ ފިޔަވަޅުތައް ވެސް އަންގާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ހައުސިން މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ކަމާ ގުޅިގެން އަޅާނެ ފިޔަވަޅެއް ވިދާޅެއް ނުވެ އެވެ.

ކޮންމެއަކަސް ރޮއި އާދޭސްކޮށްގެން، އިހުތިޖާޖުކޮށްގެން ހޯދި ފުލެޓު ކުއްޔަށް ދިނުމަކީ މައްސަލަ އެކެވެ. އެހެން ކަމަށް ވާ ނަމަ އެންމެނަށް ވެސް އެ ފުރުސަތު ހުޅުވެން ވީ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ފުލެޓު ކުއްޔަށް ދޭން މަސައްކަތް ކުރާ ބައެއް މީހުންނަކީ ރާއްޖޭގައި ދިރި އުޅޭ މީހުންނެއް ނޫނެވެ. އެހެން މީހަކު ބުނީ އޭނާ ދަންނަ އާއިލާއަކަށް ފުލެޓު ލިބުނު ނަމަވެސް، އެ ފުލެޓު ލިބުނު މީހާއަކީ ވަރަށް ތަނަވަސް، އަދި މިހާރު ވެސް ހުޅުމާލޭގައި އެންމެ ރަނގަޅު ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެއް 20،000 އަށް ކުއްޔަށް ނަގައިގެން އުޅޭ މީހެއް ކަމަށެވެ.

"އެއީ ވިޔަފާރިވެރިއެއް. އަބަދުވެސް ވަރަށް ފުދޭ ދިރިއުޅުމެއް އުޅޭ މީހެއް. މިހާރު ވެސް ހުޅުމާލޭގައި 3 ކޮޓަރީގެ ތަނެއްގަ އުޅޭނީ. ވަރަށް ބޮޑު ތަނެއް އެއީ. އޭނަ ތިނަ ކޮތަރު ކޮށްޓަށް ދާނެ ކަމަށް ގަބޫލެއް ނުކުރެވޭ." އާންމު މީހަކު "ވަން" އަށް ބުންޏެވެ.

އެހެން މީހަކު ވަން އަށް ބުނީ އޭނާ ދަންނަ ބައެއް މީހުން ވެސް ލިބުނު ފުލެޓު ކުއްޔަށް ދޭން އުޅޭކަން އެނގިފައިވާ ކަމަށާއި އޭނާ ކައިރީވެސް އެވާހަކަ ދެއްކި ކަމަށެވެ. އެއީ ރާއްޖެއިން ބޭރުގައި އުޅޭ، މާލޭގައި ގެދޮރު ހުރި އާއިލާއެއްގެ މެންބަރެއް ކަމަށާއި އެމީހުން ބޭނުންވަނީ ކުއްޔަށް ދީގެން އިތުރު އާމްދަނީއެއް ހޯދަން ކަމަށް ވެސް ބުންޏެވެ.

"އެމީހުން ބުނި ނޫހުގަ ޖަހާނެ ކަމެއް ނެތޭ. އެކަމަކު ރަނގަޅު ޕާޓީއެއް ބަލައިލަދޭށޭ. ބޮޑަށް ރަނގަޅީ ވެސް އެކަކު ނޫނީ ދެމަފިރީން ނޫނީ އޮފީހަށް ދާ މީހަކު ބަހައްޓަން ކަހަލަ ގޮތަކަށޭ. ތިއީ އަހަރެމެން ކޮންމެހެން ދިރިއުޅޭން ހޯދި ތަނެއް ނޫނޭ. ދެން ތިތަންވެސް ލިބުނީމަ ހުރެދާނެ ނޫންހޭ ބުނީ." މައުލޫމާތު ދިން ދެވަނަ މީހާ ބުންޏެވެ.

ހިޔާ މަޝްރޫއުން ފުލެޓު ހައްގުވި ވަރަށް ނިކަމެތި އާއިލާ ތަކުގެ ވާހަކަތައް ލިސްޓުތައް ނުކުތް ފަހުން މީޑިއާ ތަކުން ވަނީ ގެނެސްދީފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ގޭގެއަށް މީޑިއާތަކުން ވަނީ އަމިއްލައަށް ވެސް ގޮސްފަ އެވެ. އެފަދަ ވަރަށް ގިނަ އާއިލާ ތަކަކީ މި މަޝްރޫއުން ފުލެޓެއް ލިބުން ހައްގު މީހުން ކަމާ މެދު ޝައްކެއް ނުއުފެދެ އެވެ.

މި ހާލަތުގައި ކަންކަން ހުއްޓައި އަތޮޅުތަކުގައްޔާއި މާލޭގައި އަދި ރާއްޖެއިން ބޭރުގައި "ލަގްޒަރީ ލައިފް" ގައި އުޅޭ މީހުން ފުލެޓުތައް ހޯދައި އެ މީހުންގެ ދިރިއުޅުން އިތުރަށް ލަގްޒަރީ ކޮށްދޭނެ ވިޔަފާރިގަނޑަކަށް މި ވަސީލަތް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތެއް ރޭވެން ޖެހެ އެވެ. މައްސަލަ ބަލާނަމޭ ބުނުމަކުން ނުފުދެ އެވެ.