ދުނިޔެ

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަކޮށް އަންހެނަކު ރޭޕް ކޮށް މަރާލައިފި

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަކޮށް އަންހެނަކު ރޭޕުކޮށް މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މުމްބާއީގައި ބުރާސްފަތި ދުވަހުގެ ރެއެވެ. މުމްބާއީ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބޮޑެތި އަނިޔާތައް ދީ ރޭޕްކޮށްފައިވާ 30 އަހަރުގެ އަންހެނަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މަރުވެފައެވެ. އެ އަންހެންމީހާގެ ލަދުވެތި ގުނަވަނަށް ދަގަނޑު ކޮށްޕައި އަނިޔާކޮށް ޒަހަމުތަކާއެކު މަގުމައްޗަށް އެއްލާލުމަށްފަހު އަނިޔާ ކުރި މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މުމްބާއީގެ ސަކިނާކާ ސަރަހައްދުގައި ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ކައިރާނީ ރޯޑުގައި ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިން އަންހެނަކު އެހީއަށް އެދި ހަޅޭއްލަވާ އަޑު ވޮޗްމަން އަކަށް އިވިގެންނެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަންހެންމީހާ އޮތީ ލޭތަކާއެކު މަގުމައްޗަށް އެއްލާލާފައެވެ. މި އަންހެންމީހާ ވަގުތުން ނަގައިގަނެގެން ގާޓްކޮޕާރުގެ ބީއެމްސީ ރާޖަވަތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަމުން އަންނަނިކޮށް އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ސަކިނަކާ ޕޮލިސް ސްޓޭޝަންގެ ސީނިއާ ޕޮލިސް އިންސްޕެކްޓަރު ބަލްވާންތު ދޭޝްމުކް މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލައިގައި ޝައްކު ކުރެވޭ މީހެއް ކަމަށްވާ މޯހަން ޗަވަން ވަނީ އެރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން މަހާރާޝްތުރަ ލެޖިސްލޭޓިވް ކައުންސިލްގެ ޑެޕިއުޓީ ޗެއާޕާސަން ނީލަމް ގޯރު އަދި ޝިވް ސެނާގެ އިސް ތަރުޖަމާނު މަނީޝާ ކަޔާންޑޭގެ އިތުރުން ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި އާއްމުން އަންނަނީ ރޭޕްކުރާ މީހުންގެ އަދަބެއް ގޮތުގައި މެރުން ކަނޑައެޅުމަށް ޝަކްތީ ބިލް ފާސްކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

އިންޑިއާގައި އަނިޔާވެރިކޮށް އަންހެނުން ރޭޕްކޮށް މަރަމުންދާ މައްސަލައިގައި އެންމެ ގަދައަށް ބަހުސްކުރެވެން ފަށާފައިވަނީ 2012 ވަނަ އަހަރު ހިންގި ދިއްލީ ރޭޕް ކޭހަށް ފަހުގައެވެ. އެހާދިސާގައި 6 ފިރިހެނުން ވެގެން ބަހެއްގެ ތެރޭގައި އަނިޔާވެރިކޮށް އަންހެނަކު ރޭޕްކޮށް ލިބުނު އަނިޔާތަކުގައި އެއަންހެން މީހާ ވަނީ މަރުވެފައެވެ.