ކުޅިވަރު

ރޮނާލްޑޯއަށް ލޯތްބާއި އިހުތިރާމު، އަދިވެސް މިވަރެއް ނެތް

12 އަހަރަށްފަހު ޕްރިމިއާ ލީގަށް އެނބުރި އައިސް ދެ ގޯލް ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ، މެންޗެސްޓާ ޔުނައިޓެޑް ހެއްވާލައިފިއެވެ.

މިރޭ މުޅި ފުޓުބޯޅަ ދުނިޔެ އިންތިޒާރު ކުރަމުން ދިޔައީ ރޮނާލްޑޯގެ އެނބުރި އައުމަށެވެ. އުމުރުން 18 އަހަރުގައި، މީގެ 18 އަހަރު ކުރިން ޔުނައިޓެޑަށް ސޮއިކުރި ރޮނާލްޑޯ، އެ ކްލަބަށް 2003 ވަނަ އަަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ކުޅެ، އެތަކެއް ކާމިޔާބީތަކެއް ކުރިން ހޯދިއެވެ. ކެރިއަރުގައި ރޮނާލްޑޯ ހޯދި ފުރަތަމަ ބެލޮންޑިއޯ އާއި ފުރަތަމަ ކަޕު ތަށްޓެވެ. ފުރަތަމަ ޗެމްޕިއަންސް ލީގުގެ ރަން މެޑަލް އާއި ފުރަތަމަ ލީގު ތަށްޓެވެ. ރޮނާލްޑޯ ކެރިއަރުގެ ފުރަތަމަ ރަން ބޫޓުވެސް ހޯދީ ހަމަ ޔުނައިޓެޑް ޖާޒީގައެވެ.

ކުރިން ޔުނައިޓެޑަށް ކުޅުނު 292 މެޗުން ރޮނާލްޑޯ ވަނީ 118 ގޯލު ޖެހައިފައެވެ. އުމުރުން 36 އަހަރު ނަމަވެސް ރޮނާލްޑޯގެ ނަންބަރުތައް އަދި ދަށަށް ގޮސްފައެއް ނުވެއެވެ. ހަތް ނަންބަރު ޖާޒީގައި މިރޭ ދަނޑު މައްޗަށް އޭނާ ނުކުތުމާއެކުވެސް އެ އިހުސާސް ދަނޑުން ވަރަށް ސާފުވިއެވެ.

ރޮނާލްޑޯ މެޗުގެ ވާމްއަޕަށް ނުކުތް ހިސާބުން ސަޕޯޓަރުން ދިޔައީ އޭނާގެ ނަން މުޅި ދަނޑުގައި ގުގުމަމުންނެވެ. މުޅި ސްޓޭޑިއަމް ފުރާލާފައި ވަނީ ރޮނާލްޑޯގެ ހަތް ނަންބަރު ޖެހި ޖާޒީތަކުންނެވެ. ރަތް ކުލައިގެ ޔުނައިޓެޑު ޖާޒީގައި އޭނާ ދަނޑަށް ނުކުތުމާ އެކު އެތަކެއް ކާމިޔާބީތަކެއްގެ ހަނދާންތައް އާކޮށްލިއެވެ. ފުރިހަމަ ސަޕޯޓަކާ އެކު ޔުނައިޓެޑުގެ ވެރިން ކަމަށްވާ ގްލޭޒާސްގެ އާއިލާވެސް ފެނުނީ ހެވި ދިއްލިފައި ތިބިތަނެވެ. ދަރިއެއް ފަދައިން ރޮނާލްޑޯގެ ކެރިއަރު ބެލެހެއްޓި ސާ އެލެކްސް ފާގަސަންވެސް ފެނުނީ ހިނިތުންވުމުގައެވެ.

ސަޕޯޓަރުންގެ އިންތިޒާރަށް ރޮނާލްޑޯ ނިމުން ގެނައީ ފުރަތަމަ ހާފު ނިމިނިމި އޮއްވައިއެވެ. މޭސަން ގްރީންވުޑްގެ ބާރު ހަމަލާއެއް ނިއުކާސަލް ކީޕަރު އަތުން ކައްސާލައިގެން ވެއްޓުމުން އެ ބޯޅައަށް ހުށިޔާރުވެ، ރޮނާލްޑޯ އޭނާގެ އެނބުރި އައުން ފާހަގަކުރި ގޯލު ޖެހިއެވެ. މުޅި އޯލްޑް ޓްރެފޯޑު ކައްކުވާލިއެވެ.

ދެވަނަ ހާފަށް ނުކުމެ ނިއުކާސަލްގެ ހާވިއޭ މެންކުއިލޯގެ ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް އަނެއްކާވެސް ޔުނައިޓެޑަށް ލީޑު ނަގައިދިނީ ހަމަ ރޮނާލްޑޯއެވެ. ތާރީހު ލިޔެލިއެވެ. އާދަޔާ ހިލާފަށް ސަޕޯޓަރުންގެ އަޑު ބާރުވެގެން ގޮސް، ރޮނާލްޑޯގެ ރަސްމީ ގޯލް ސެލެބްރޭޝަނާއެކު ހިތާއި ހިތުގެ ގުޅުން ދައްކައިލަ ދިނެވެ. ރޮނާލްޑޯ އެހުރީ "ހޯމް"ގައެވެ.

ޔުނައިޓެޑުން ޖޯޝުގައި ކުޅެ އިތުރު ދެ ގޯލްވެސް ޖެހިއެވެ. އެ ދެގޯލު ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އާއި ޖެސޭ ލިންގާޑެވެ.

ޕްރިމިއާ ލީގުގައި އާސެނަލްއިން ވަނީ އެޓީމުގެ ފުރަތަމަ މޮޅު މިރޭ ހޯދައިފައެވެ. 1-0 އިން ނޯވިޗް ބަލިކޮށް އާސެނަލްއިން ހަމަ ނޭވައެއްލީ ޕިއޭ އެމްރިކް އަބަމަޔާންގެ ގޯލާއެކުގައެވެ. ވާދަވެރި މެންޗެސްޓާ ސިޓީން ލެސްޓާ ސިޓީ ބަލިކުރީވެސް 1-0 އިންނެވެ. ސިޓީގެ ގޯލް ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ.