ދުނިޔެ

ޗައިނާ-ޓައިވާންގެ މައްސަލަ: ޖަޕާނަށް އޮތީ ކޮން ގޮތެއް؟

ޗައިނާ އިން ދެކެނީ ޓައިވާނަކީ އެ ގައުމުން ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގައެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގައެވެ. މި މައްސަލަގަނޑު އިތުރަށް ބޮޑުވެ، ހޫނުވީ ޓައިވާނުން މިނިވަންކަން ހޯދަން މަސައްކަތް ކުރުމުގެ މާނައަކީ ހަނގުރާމަ ކަމަށް ޗައިނާ އިން ބުނެ އިންޒާރު ދިނުމުންނެވެ.

ދުނިޔޭގެ އެހެން ގައުމަކާ އަޅައިބަލާއިރު، ޗައިނާއަކީ އަސްކަރީ ގޮތުން ގާބިލު ގައުމަކަށްވެފައި، ޗައިނީސް ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ޕްރެޝަރު ޓައިވާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރުވުމަކީ އިރުމައްޗަށް ނުރައްކަލެކެވެ. އެކަމުގައި އެންމެ ކަންބޮޑުވާ އެއް ގައުމަކީ އަވަށްޓެރި ޖަޕާނެވެ.

އެހެންކަމުން އެމެރިކާ-ޖަޕާން އެލަޔަންސްގެ އެންމެ މުހިންމު ކަމަކަށްވެފައި މިހާރު އޮތީވެސް ޗައިނާއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޗައިނާގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް އިންސާނީ ހައްގުތަކާއި ވިޔަފާރީގެ ޕާޓްނަރުންނަށް އެގައުމުން އަޅާ ފިޔަވަޅުތަކާ ގުޅިގެންނެވެ.

ކަންމިހެެން އޮތުމުން، ޓައިވާނުގެ މައްސަލަ ހޫނުވެ ކުރިމަތިލުމަކަށް ގޮސްފިނަމަ، ޖަޕާނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އެގައުމުގެ ރައްޔިތުންގެ ސަލާމަތަށް ވިސްނުމެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު ޓާރޯ އަސޯވެސް ވަނީ ޓައިވާން ސްޓްރެއިޓުގައި އަސްކަރީ މުސީބާތެއް ކުރިމަތިވެއްޖެނަމަ ޖަޕާނުގެ ދިރިހުރުމަށް ނުރައްކާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ޖަޕާނުގެ އެންމެ ދެކުނުގައި އޮންނަ ރަށްތަކާއި ޓައިވާނާ ދެމެދު ސަތޭކައެއްހާ ކިލޯމީޓަރުވެސް ނެތުމާއި އޮކިނާވާގައި އެމެރިކާގެ އަސްކަރީ ސިފައިން ގިނަ އަދަދަކަށް ތިބުމެވެ. އެމެރިކާގެ އެ ބޭސްއަކީ ޓައިވާނުގެ ސަލާމަތަށް އެހީތެރިވާން ބޭނުންކޮށްފާނެ ތަނެކެވެ.

އަނެއްކޮޅުން ޓައިވާނާ ގުޅިގެން ނިންމާ ނިންމުމެއްގެ ސަބަބުން ޗައިނާގެ ފަރާތުން ޖަޕާނަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ޗައިނާއަކީ ޖަޕާނުގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރެވެ. އަދި ޗައިނާގެ އަސްކަރިއްޔާއިން ޖަޕާނުގެ ކަނޑާއި ވައިގެ ތެރޭގައި އަބަދުވެސް އޮޕަރޭޓް ކުރަމުންދެއެވެ.

ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތަކީ ޗައިނާއިން ޓައިވާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފި ނަމަ، އެމެރިކާއިން ރައްދު ދޭނެ ކަމެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުން ޓައިވާނަށް ސީދާ ހަމަލާތަކެއް ދީގެން ޗައިނާއަށް ލިބޭނެ މާބޮޑު ކުރިއެރުމެއް ނެތެވެ. އޭގެ ބަދަލުގައި ސައިބާ ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ޓައިވާނުގެ މައްސަލައިގައި އެމެރިކާއާ ގުޅިގެން ޗައިނާއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖަޕާނުގެ ބައެއް މީހުން ދެކޭއިރު އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތަކާމެދު ޖަޕާނުގެ ސިޔާސީ ލީޑަރުންގެ ތެރޭގައާއި ސަރުކާރު ހިންގާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައިވެސް ގޮތްތަކެއް އަދި ނިންމިފައެއް ނުވެއެވެ. ނަމަވެސް މިއަހަރުގެ ފަހުކޮޅު އެމެރިކާއާއެކު އޮންނަ ބައްދަލުވުމަށް ޖަޕާނުގެ ވިސްނުމާއި ހުށަހެޅުންތައް ހުށަހަޅަންޖެހޭނެއެވެ.

އެގޮތުން ހަމަލާތައް ބަދަލުކުރަން ފަށައިފި ނަމަ، އެމެރިކާ އިން ބޭނުންކުރާނެ އަސްކަރީ މަރުކަޒުތަކާއި ފެސިލިޓީތަކާ ގުޅޭ ގޮތުންނާއި ދެގައުމުން އަސްކަރީ ގޮތުން ގުޅިގެން ކުރާނެ ކަންކަމުގެ ތެރޭގައި އިސްކަންދޭނެ ކަންކަމާއި އޭގެ މަގުސަދާއި އަދި ޖަޕާނުގެ ސެލްފް ޑިފެންސް ފޯސްތަކުން އެފަދަ ހާލަތެއްގައި ކޮށްދެންޖެހޭނެ ކަންކަމާ ގުޅޭގޮތުން ޖަޕާނުގެ ވިސްނުން ހުށަހަޅަން ޖެހޭނެއެވެ.