ކުޅިވަރު

ހެޓްރިކަކާއެކު ޕެލޭގެ ރެކޯޑު މެސީ މުގުރާލައިފި

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލިވިއާ ކޮޅަށް ހެޓްރިކް ހަދައި، ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ދެކުނު އެމެރިކާގެ ތާރީހީ ގޯލު ރެކޯޑެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މުގުރާލައިފިއެވެ.

ދެކުނު އެމެރިކާ ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ ގޯލު ގައުމީ ޓީމަށް ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ޕެލޭ އަތުގައި އޮތީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަހައިގެންނެވެ. މެސީ ރޭ އެ ރެކޯޑު މުގުރާލީ ގައުމީ ޓީމަށް ކުޅެދިން 153 މެޗުން 79 ގޯލު ޖަހައިގެންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި މެސީގެ ފަރާތުން އޭނާގެ ފުރަތަމަ ގޯލު ފެނިގެން ދިޔައެވެ. ހިތްގައިމު ގޮތަކަށް ޑިފެންޑަރު ނައްޓާލުމަށްފަހު މެޗުގެ 14 ވަނަ މިނެޓުގައި މެސީ އާޖެންޓީނާއަށް ލީޑު ނަގައިދިނީ ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. ދެވަނަ ހާފަށް ނުކުމެ އާޖެންޓީނާ އިން ލީޑު ފުޅާކޮށްފައިވާ އިރު، އެ ގޯލަކީ އޭރިއާ ތެރެއިން ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން މެސީ ޖެހި ގޯލެކެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ހުއްޓައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. އެއީ މެސީ ގައުމީ ޖާޒީގައި ހެދި ހަތްވަނަ ހެޓްރިކެވެ.

ރޭގެ މެޗަށް އާޖެންޓީނާގެ ސަޕޯޓަރުން ދަނޑަށް ވައްދާފައިވާ އިރު، ރޭގެ މެޗަށްފަހު މެސީއާއި އާޖެންޓީނާގެ ޓީމުން ވަނީ ސަޕޯޓަރުންނާއެކު ކޮޕާ އެމެރިކާގެ ކާމިޔާބީ ފާހަގަކޮށްފައެވެ. އެ ވަގުތު ކޮޅު ވެގެން ދިޔައީ މެސީއަށް ވަރަށް ހާއްސަ ވަގުތު ކޮޅަކަށެވެ. ސަޕޯޓަރުންގެ ބާރު ހަޅޭކާއެކު އާޖެންޓީނާގެ ކެޕްޓަން މެސީ، ކޮޕާ އެމެރިކާގެ ތަށި އުފުލާލި އިރު އޭނާ ހުރީ އަސަރުން ރޮވިފައެވެ.

ކޮލިފައިންގައި ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ބްރެޒިލުން ރޭ ކުޅުނު މެޗުގައި 2-0 ޕެރޫ ބަލިކުރިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ނުލައި ބްރެޒިލުން މި މެޗުވެސް ކުޅުނު އިރު، އެ ޓީމުގެ ގޯލުތައް ޖެހީ އެވަޓަން ރިބޭރޯ އާއި ނޭމާއެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއް ވަނައިގައި ބްރެޒިލް އޮތީ ފުރިހަމަ ރެކޯޑަކާއެކު އަށް މެޗުންވެސް މޮޅުވެގެންނެވެ. ބްރެޒިލަށް 24 ޕޮއިންޓު ލިބިފައިވާ އިރު، އާޖެންޓީނާ ދެ ވަނައިގައި އޮތީ 18 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ ރޭ އެކުއެޑޯ އަތުން 1-0 އިން މޮޅުވި އުރުގުއޭއެވެ. އުރުގުއޭ އަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓު ލިބިފައެވެ.