ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 57 ޕަސެންޓު މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އޯޕީޑީ އިމާރާތުގެ 75 ޕަސެންޓާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުމުލަ 33.5 މިލިއަން ރުފިޔާއަށެވެ.