ޚަބަރު

މުހިންމު ދެ ވޯޓެއްގެ ކުރިން ނިހާން، އަދީބު އަތުން ރޮލެކްސް ގަޑިއަކަށް ޑިމާންޑު ކުރި: ދައުލަތް

މުއާވިޔަތު އަންވަރު

މަޖިލީހުގައި އޮތް މުހިންމު ދެ ވޯޓެއްގެ ކުރިން އޭރުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ރޮލެކްސް ގަޑައަކަށް ޑިމާންޑް ކުރި ކަމަށް ދައުލަތުން ބުނެފިއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ތެރެއިން ރިޝްވަތު ލިބިގަތުމަށް އެދުމާއި ރިޝްވަތު ހިފުމުގެ ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ، މަޖިލީހުގައި އޮތް ދެ ވޯޓެއްގެ ކުރިން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަރިހުން ރޮލެކްސް ގަޑިއަކަށް އެދި އެގަޑި އޭނާއަށް ލިބިފައިވާތީ ކަމަށް ދައުލަތުން މިއަދު ވަނީ ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ބުނެފައެވެ.

އެ ދެ ވޯޓަކީ 21 ޖުލައި 2014ގައި ނެގި ދެ ވޯޓެވެ. އެއީ ޕްރޮސިކިއުޓަރު ޖެނަރަލްގެ މަގާމަށް މުހުތާޒު މުހުސިން ގެނައުމަށް ނެގި ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެންބަރަކު ހޮވުމަށް ނެގި ވޯޓެވެ.

މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން އޭރު ފާސްކުރީ 62 މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވިއިރު. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި 12 މެމްބަރަކު މަޖިލީހުގެ ތަޅުމުގައި އިންނެވިއެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ކަމަށް އެފަހަރު ކުރިމަތިލެއްވީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށް ނިސްބަތްވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނެވެ. އެ ވޯޓުގައި ޖޭއެސްސީގެ މެމްބަރު ކަމަށް ރިޒާ އައްޔަންކުރުމަށް ފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 29 މެމްބަރުންނެވެ.

އެ ދެ ވޯޓުގެ ކުރިން އަދީބު އަރިހުން ނިހާން އެދިފައި ވަނީ ރޮލެކްސް ސްބްމެރީނާ ބްރޭންޑުގެ ގަޑިއެއް ދެއްވުމަށް ކަމަށް ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލް ވިދާޅުވިއެވެ. އަދި އެ ގަޑި ނިހާނަށް ހަދިޔާކޮށްފައި ވަނީ އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ، މ. ވިލާދޮށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ. އޭނާ މިހާރު ވަނީ ނިޔާވެފައެވެ.

ދެ ދައުވާއިން ކުރެ ކޮންމެ ދައުވާއެއް ސާބިތުވެއްޖެ ނަމަވެސް ނިހާނުގެ މައްޗަށް ހަތް އަހަރަށްވުރެ ދިގު ނޫން ޖަލު ހުކުމެއް އަންނާނެއެވެ. އަދި ދައުވާ ސާބިތުވެއްޖެނަމަ އެ ގަޑި ދައުލަތަށް ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ.

އެ ދެ ދައުވާއަށްވެސް ނިހާން ވަނީ އިންކާރު ކުރައްވައިފައެވެ. ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމަށް ބޭނުންވާ ކަމަށް ބުނެފައިވާ އިރު ދިފާއުންވެސް ހެކި ހުށަހެޅުމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.