ޚަބަރު

އަތޮޅު ކައުންސިލުތަކުގެ ނާއިބު ރައީސުންގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

އަތޮޅު ކައުންސިލުތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެދުމާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމާ ގުޅިގެންނެވެ.

އަތޮޅު ކައުންސިލުގެ ރައީސް ނެތް ތަނެއްގައި، ކައުންސިލުގެ އެންމެހާ ޒިންމާއަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނާއިބު ރައީސްކަން ފާހަގަކޮށް، އަތޮޅު ކައުންސިލު ނައިބު ރައީސްގެ މުސާރަ އާއި ކައުންސިލު މެންްބަރުންގެ މުސާރައާ ދެމެދު ފަރަގެއް ހުންނަން ޖެހޭނެ ކަމަށް އެލްޖީއޭއިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.

އެ ހުށަހެޅުމާ ގުޅިގެން މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލުގެ ނާއިބު ރައީސްގެ މުސާރައާ ދެމެދު 1000 ރުފިޔާގެ ތަފާތެއް ހިމަނައި، އަތޮޅު ކައުންސިލުގެ ނައިބު ރައީސުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 21،000 ރުފިޔާ ކަނޑައެޅުމަށެވެ.

އެގޮތަށް އަތޮޅުތަކުގެ ނާއިބު ރައީސުންގެ މުސާރައަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އަތޮޅު ކައުންސިލުގެ ރައީސުންނަށް މުސާރައާއި އެލަވަންސާއެކު 28،000 ރުފިޔާ ލިބެއެވެ. ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ ލިބެއެވެ. ސިޓީ ކައުންސިލުތަކުގެ މެންބަރުންނަށް ލިބެނީ 30،000 ރުފިޔާއެވެ.

ރަށު ކައުންސިލުތަކުގެ ރައީސުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 20،000 ރުފިޔާ އަދި ކައުންސިލް މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު 13،000 ރުފިޔާ ލިބެއެވެ.