ކުޅިވަރު

ފްރާންސަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ޓީމެއް ނޫން: ޕޮގްބާ

ފީފާ ވޯލްޑް ކަޕް 2018ގެ ޗެމްޕިއަން ފްރާންސަކީ މިހާރު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ނޫން ކަމަށާއި ފްރާންސުން އަނބުރާ އެ މަގާމަށް ދާން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

ވަރުގަދަ ޓީމަކާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ނެގީ ތަފާތު ނަތީޖާތަކެއް ނެރުމަށްފަހުއެވެ. އޭގެ ފަހުންވެސް ފްރާންސް ރަނގަޅު ފޯމެއްގައި ކުޅެފައިވާ އިރު، އެންމެ ފަހުން މިއަހަރު އޮތް ޔޫރޯގައި ފްރާންސަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އުނދަގޫ ގުރޫޕަކުން ސަލާމަތްވެ ގަދަ 16އަށް ދިޔަ ނަމަވެސް އެޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް އަތުން ކަޓައިފައެވެ.

އެންމެފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން ދެ މެޗުގައި ބޮސްނިއާއާއި ޔޫކްރެއިން އަތުންވެސް ފްރާންސް އެއްވަރުވެފައިވާއިރު، ޕޮގްބާ ވަނީ އެ މާޔޫސްކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ.

"ވަރަށް ދުވަސްވެއްޖެ ފްރާންސާއެކު މެޗަކުން މޮޅު ނުވާތަން. މޮޅު ހޯދަން ވަރަށް ބޭނުން. މާޔޫސްކަން ބޮޑުވެސްވޭ. މިހާރު ފްރާންސަކީ ދުނިޔޭގެ އެންމެ މޮޅު ޓީމެއް ނޫން. ބަދަލުތަކެއް ގެންނަންޖެހޭ. ފްރާންސް ޖާޒީއަށް ކުރާ ގަދަރު ބޮޑުކޮށް، ފްރާންސް ޖާޒީގައި މަސައްކަތް ކުރާތަން ދައްކަން އެބަޖެހޭ. ހުރިހާވެސް އެއްޗަކީ އެކަމަށް ދޭ މުހިންމުކަން. ޕެޝަން. ގައުމީ ޖާޒީއަށް ބޭނުންވަނީ ބުރަ މަސައްކަތް،" މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕޮގްބާ ބުނެފައިވެއެވެ.

ފްރާންސުން އެންމެފަހުން ކުޅުނު މެޗަށްފަހު ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސްވެސް ވަނީ ޓީމުގެ ރޫހު ރަނގަޅުކޮށް، މޮޅެއް ހޯދަންޖެހޭ ކަމަށް ބުނެފައެވެ. ފްރާންސުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ނުކުންނާނީ ފިންލޭންޑާ ދެކޮޅަށެވެ.