ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކޮށްދީފައިވަނީ އޭނާއާ ގުޅޭ ގޮތުން ހުރި މައްސަލަތައް ރަނގަޅަށް ނުބަލައި ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓުގައި ހިމަނައިގެންނެވެ.

ފައިރޫޝް ޝަރަފުވެރިކަމާއެކު ވަކިކުރި މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލިސް ރައީސް އެ މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް އޭރު އެ ގާނޫނަށް އަމަލު ކުރުމަކުން ނުދެއެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.

އެހެންކަމުން އޭނާ ރިޓަޔާ ކުރައްވާފައި ވަނީ އޭރު އަމަލުކުރަމުންދިޔަ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަަށުން އެލުލަވާލާފައިވާ ފުލުހުން ރިޓަޔާ ކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.

އެ މައްސަަލަ ބަލައި ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވަނީ، ފައިރޫޝް ރިޓަޔާ ކުރުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން މައްސަލަ އުފައްދައި ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވި ނަމަވެސް ފައިރޫޝްއާ ގުޅޭ ގޮތުން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލައި އޭނާ ރިޓަޔާ ކުރި މައްސަލަ އެންމެ ފުރިހަމައަށް ބަލާފައިވާ ކަަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި ފައިރޫޝްގެ އަމަލުތަކާއި ރަސްމީ ރެކޯޑިންތަކާއި އާންމުވެފައިވާ އޯޑިއޯއާއި ވީޑިއޯތައް އަދި ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު އޭނާ ޝަރަފުވެރިކަމާއެކު ވަޒީފާއިން ރިޓަޔާކުރުމަށް ނިންމާފައިވާ ނިންމުން އެންމެ ފުރިހަަމައަށް ބެލިފައިވާ ކަަމަށް ގަބޫލުނުކުރާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ކޮމެޓީން އެކުލަވައިލި ރިޕޯޓުގައި ފުލުހުން ހިދުމަތަށް ދެ ކަމެއް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.

އެއް ކަމަކީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ އާންމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކޮށްފައިވާ ފަރާތެއް މަގާމުން ރިޓަޔާ ކުރުމަށް އެދުމުން އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ރިއާޔަތް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ދެންނެވުމަށް ފެންނަ ކަމަށެވެ.

ދެވަނަ ކަމަކީ ކުރިއަށް އޮތް ތަނުގައި މިބާވަތުގެ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށާއި އެކަމުގައި އަމަލު ކުރެވޭނެ ގޮތް ހަރުދަނާ ކުރުމަށްޓަކައި އަމަލު ކުރާނެ ގޮތުގައި އުސޫލެއް ނުވަތަ ގަވާއިދެއް ހަދައި އެ ގަވާއިދަށް އަމަލުކުރަމުން ގެންދިއުމަށާއި ގަވާއިދު ތައްޔާރުކޮށް ނިމުމުން އެކަން ކޮމިޓީއަށް ހުށަހެޅުމަށް ފުލުންގެ ހިދުމަތުގައި ދެންނެވުމަށް ނިންމާފައިވާ ނިންމުމެކެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ ފުލުުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު އުޅުއްވުމަށްފަހުގައެވެ.