ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާއެކު މަގާމުން ވަކި ކުރެއްވުމަކީ ބޭއިންސާފުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކުރެއްވި ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ، ފައިރޫޝް ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ) އިން ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ވަކިކުރި މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލިސް ރައީސް އެ މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އޭރު އެ ގާނޫނަށް އަމަލު ކުރުމަކުން ނުދެއެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.
އެހެންކަމުން އޭނާ ރިޓަޔާ ކުރައްވާފައި ވަނީ އޭރު އަމަލު ކުރަމުންދިޔަ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަަށުން އެލުލަވާލާފައިވާ ފުލުހުން ރިޓަޔާ ކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
ހަސަން ލަތީފު ވިދާޅުވީ، ޝަރަފުވެރިކަމާއެކު މީހަކު ވަކިކުރާ އިރު ބަލައިލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، ކުރީގެ ގާނޫނުގެ ދަށުން އޭނާ ރިޓަޔާ ކުރެއްވި ނަމަވެސް، އޭރު ގާނޫނު ފާސްކޮށްފައިވާތީ ގާނޫނުގައި ހިމެނޭ މަފްހޫމުތަކަަށް ރިއާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ވަކިކޮށް ދޭން ނިންމި ސަބަބެއްގެ ގޮތުގައި ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް އެއްވެސް ފަރާތަކުން މައްސަލައެެއް ހުށަހަޅާފައި ނުވުމާއި ތައުބީބީ މައްސަލައެއް އުފުލިދާނެކަމުގެ ހާލަތުވެސް ނެތް ކަމުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ 2012ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވި މައްސަލައަކީ ބަޣާވާތެއް ކަމަށް ތަކުރާރު ކުރައްވައި ހަސަން ލަތީފު ވިދާޅުވީ، އެދުވަހު ފައިރޫޝް ހުންނެވީ ކޮންތާކުކަން އެންމެންގެ ލޯމައްޗަށް ފެންނަން އެބަހުރި ކަމަށެވެ.
ގާނޫނީ ގޮތުން ހިނގަމުދިޔަ ސަރުކާރަކާއި ގާނުނީ ގޮތުން އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް އަދި ގާނޫނީ ގޮތުން އައްޔަން ކޮށްފައި ހުރި ޕޮލިސް ކޮމިޝަނަރެއް ހުންނަވަނިކޮށް ތިމަންނައަކީ އެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުރި މީހާ ކަމަށް ފާޅުގައި ވިދާޅުވެ، ބަގާވާތުގައި ފާޅުގައި އިސްކޮށް ފައިރޫޝް ހުރި މަންޒަރު ފެނުނު ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އޭގެން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި، އެފަދަ މީހަަކު ޝަރަފުވެރިކަމާއެކު ވަކި ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެމްޑީޕީ ތަމްސީލުކުރާ ސަރުކާރެއްގެ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން މިނިސްޓަރު އިމްރާން އެކަންކުރެއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އިސް ލީޑަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް ބަޣާވާތެއްގަައި އެންމެ އިސްކޮށް ހުރި މީހަކު ޝަރަފުވެރިކަމާއެކު ވަކި ކުރުމަކީ ރައީސުލްޖުމްހޫރއިްޔާވެސް ރުހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު