ޚަބަރު

އަލިފުށީގައި އެއާޕޯޓް ހަދަން ނިންމި ސަބަބަށް މިނިސްޓަރު އަސްލަމް ޖަވާބެއް ނުދެއްވި

އިބްރާހިމް ޒަކީ

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން އަޅަން ނިންމި ސަބަބާ ގުޅޭ ގޮތުން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބެއް ނުދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ އެސުވާލު ކުރެއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ޝަރީފް ސުވާލު ކުރެއްވީ، ބަޖެޓުގައި ފައިސާ ނެތި ކުއްލިއަކަށް އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމުން އަލިފުށީ ރައްޔިތުންނަށް ލަނޑަކަށް ނުވާނެތޯއެވެ. އަދި ރ. އަތޮޅު ދެކުނުގައި 12000 މީހުންނާއި ފަނަރަ ޕްލަސް ރިސޯޓު ހަމަޖެހިފައިވާ އިރު ދެކުނުގައި އެއާޕޯޓެއް ނާޅުއްވާނެތޯ އާއި އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމެވުމާ ގުޅިގެން އަތޮޅުގެ ރަށްރަށުގެ މެދުގައި ވަރަށް ބޮޑު ހިލާފުތަކެއް ހުރުމާ އެކު އެއަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، "މެމްބަރު ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް މިތަނަކު ނާރުވާނަން،" ކަމަށެވެ.

ސަބަބެއްގެ ގޮތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރަން ފަށައިގަތީއްސުރެ، ފެނާއި ނަރުދަމާގައި ހިފަހައްޓަމުން ގެންދަވާތީ އާއި އެހެން މެންބަރުންނަށްވެސް އިންސާފުވެރިކަމާއެކު ކަންތައް ކުރެއްވުމަށް ކަމަށެވެ.

މިއަދުގެ ސުވާލު ކުރުމުގެ މަރުހަލާ ފެށީ ށ.ފޭދޫ އާއި ބިލެތް ފައްސާއި ގޮއިދޫ އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭ ގޮތުން، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލާ އެކުގައެވެ. ނަމަވެސް ޝަހީމުގެ ސުވާލު ފިޔަވައި ފެނާއި ނަރުދަމާގެ މައްސަލައާ ގުޅޭ ގޮތުން އެހެން މެންބަރުން ކުރެއްވި ސުވާކުތަކަށްވެސް މިނިސްޓަރު ސީދާ ޖަވާބެއް ނުދެެއްވައެވެ.

ވިދާޅުވީ، 251 ކޮންޓްރެކްޓެއްގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާއިރު، އެ ހުރިހާ ކަމަކާ ގުޅޭގޮތުން ވަކިވަކިން ޖަވާބު ދޭން އުނދަގޫ ކަމަށެވެ. އެއީ އެގޮތަށް ޖަވާބުދޭއިރު މުޅިން ރަނގަޅު ޖަވާބު ދެވިފައި ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މިމަހުގެ އެއްވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެކުރިން އެއަތޮޅު ދެކުނުގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމުމަށްފަހު، އަލިފުށީގައި އެއާޕޯޓެއް އަޅަން ހަވާލު ކުރުމާއި ގުޅިގެން، އެއަތޮޅު އެހެން ރަށްރަށުގެ ރައްޔިތުން ދަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ވެސް ރ. އަތޮޅުގައި އެއާޕޯޓެއް އަޅަން ނިންމިއެވެ. އެފަހަރު އެއާޕޯޓް އަޅަން ނިންމީ ރ. ފައިނުގައެވެ.