ކުޅިވަރު

ބޭލްގެ ހެޓްރިކާއެކު ވޭލްސްއަށް އުންމީދު، އިންގްލެންޑަށް ބޮޑު މޮޅެއް

ފީފާ ވޯލްޑް ކަޕް 2022ގެ ކޮލިފިކޭޝަންގައި ވޭލްސްއާއި އިންގްލެންޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ރޭ ވޭލްސްއިން ބެލަރޫސްއާ ދެކޮޅަށް ރަޝިޔާގައި ކުޅުނު މެޗު 3-2 ވޭލްސްއިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ ތަރިއަކަށްވީ ގެރެތު ބޭލްއެވެ. ބޭލް ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ވޭލްސްއިން ވަނީ ރޭގެ މެޗުން މޮޅުވެ، 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އުންމީދު އާ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ބޭލްގެ ޕެނަލްޓީއަކުން ވޭލްސްއިން ލީޑު ނެގިއެވެ. އެ ގޯލާއެކު ވޭލްސްއިން ލީޑު ނެގި ނަމަވެސް ވިޓާލީ ލިސަކޮވިޗްއާއި ޕަވެލް ސެޑްކޯގެ ގޯލުން ބެލަރޫސް މެޗުގެ ސްކޯ އަނބުރާލިއެވެ. އޭގެ ތެރެއިން ލިސަކޮވިޗް ޖެހި ގޯލަކީ ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ބެލަރޫސްއިން ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ވޭލްސްއިން ނަތީޖާ ބަދަލު ކޮށްލިއެވެ. ބޭލްގެ ދެވަނަ ޕެނަލްޓީއަކާއެކު ނަތީޖާ ހަމަހަމަކޮށް، މެޗުގައި ބޭލް ހެޓްރިކް ފުރިހަމަ ކުރީ ފަހު މިނެޓުގައެވެ.

ޔޫރަޕިއަން ކޮލިފައިންގެ ގުރޫޕު އީގައި މިވަގުތު ބެލްޖިއަމް އޮތީ އެއްވަނައިގައެވެ. މިވަގުތު ޗެކު ރިޕަބްލިކް ދެވަނައިގައި އޮތް އިރު، އެއްވަނައިގެ ހަނި އުންމީދަކާއެކު އޮތީ ވޭލްސްއެވެ. 1958 ވަނަ އަހަރަށްފަހު ވޭލްސްއިން އަދި ވޯލްޑް ކަޕަކަށް ކޮލިފައިނުވާއިރު، ބެލެވޭ ގޮތުގައި މިފަހަރުގެ ކޮލިފިކޭޝަންއަށް އޮތް މަގަކީ ޕްލޭ އޮފް ކުޅުމެވެ.

އިންގްލެންޑުން ރޭ ކުޅުނު ކޮލިފިކޭޝަން މެޗުގައި އެންޑޯރާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖެސޭ ލިންގާޑުގެ ގޯލުން އިންގްލެންޑް ލީޑު ނަގާފައިވާއިރު، ދެވަނަ ހާފުގައި ލިންގާޑުގެ އިތުރު ގޯލެއްވެސް ފެނިފައިވެއެވެ. އޭގެ އިތުރުން އިންގްލެންޑުގެ ގޯލްތައް ޖަހައިދިނީ ހެރީ ކޭންއާއި ބުކަޔޯ ސަކާއެވެ.

ރޭގެ މެޗުގައި އިންގްލެންޑަށް ޕެޓްރިކް ބެމްފޯޑު ކުޅުނު ފުރަތަމަ މެޗު ކުޅެދީފައިވެއެވެ. މެޗުން މޮޅުވެ އިންގްލެންޑް އޮތީ ގުރޫޕު އައިގެ އެއްވަނައިގައެވެ. އެ ގުރޫޕުގެ ދެވަނައިގައި އޮތީ ޕޮލެންޑެވެ. އިންގްލެންޑް އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓު ހޯދައިގެންނެވެ.