ފީފާ ކަލަންޑަރަށް ގެންނަން އުޅޭ ބަދަލުތަކަށް ސްޕެއިންގެ މިޑްފީލްޑަރު، ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކަޓްސް ފާޑު ކިޔައިފިއެވެ.

ފީފާގެ ފަރާތުން ފުޓުބޯޅައިގެ ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ އިދާރާގެ ހެޑް އޮފް ގްލޯބަލް ސްޕޯޓްސް ޑެވަލޮޕްމަންޓް އާސެން ވެންގާ އިސްވެ، ފީފާގެ ކަލަންޑަރު ބަދަލުކުރަން މަޝްވަރާ ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަޝްވަރާތަކަށް ފުރުސަތު ހުޅުވާލުމަށް ފީފާގެ ރައީސް ނިންމަވާފައިވާއިރު، އޭގެ ތެރެއިން އެންމެ މުހިންމު ބަދަލަކަށް ގެންނަން މަސައްކަތް ކުރަނީ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށް ބަދަލުކުރުމެވެ.

ފީފާ ކަލަންޑަރު މުރާޖާކުރަން ހުށަަހަޅާފައިވާ ޕްރޮޕޯސަލްގެ ތެރެއިން ސައުދީ އަރަބިއްޔާ އިން އިސްވެ، ވަނީ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ހުށަހަޅައިފައެވެ. އެއީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕް ދެ މުބާރާތްވެސް އެގޮތަށް ގެންދިއުމަށެވެ. އިތުރަށް މަޝްވަރާކުރުމުގެ ބޭނުމުގައި ފީފާއިން ވަނީ އެ ހުށަހެޅުން ބަލައިގަނެފައެވެ.

އެ ވާހަކަތަކަށް އަމާޒުކޮށް ތަޖުރިބާކާރު މިޑްފީލްޑަރު ބުސްކަޓްސް ބުނެފައި ވަނީ މިހާރު އޮތް ކަލަންޑަރަކީވެސް ކުޅުންތެރިންނަށް އިންތިހާއަށް ބުރަބޮޑު ކަލަންޑަރެއް ކަމަށާއި އިތުރު މުބާރާތްތަކަކާއެކު ކުޅުންތެރިންނަށް ނުކަތާވަރު ވާނެ ކަމަށެވެ.

"ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރަށް ހަދަންވެސް އެބަ މަޝްވަރާ ކުރެވޭ. އެކަމުގައި ކުޅުންތެރިންގެ ބަހެއް މާބޮޑަކަށް ނޯވޭ. ކުޅުންތެރިންނަށް ފެންނަނީ ކަލަންޑަރު އިތުރަށް ބުރަ ބޮޑުވާތަން. އެ ބަދަލު ގެންނަން އުޅޭ ފަރާތްތަކުން އަޅާވެސް ނުލާ ކުޅުންތެރިންނަކަށް. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރު ތެރޭގައި ގިނަ މެޗުތައް ކުޅުވާ، ގިނަ މުބާރާތްތައް ކުޅުވަން ބޭނުންވަނީ. އެކަމަކު އަންނާނެ ކުޅުންތެރިންނަށް ނުކަތާނެ ވަގުތެއްވެސް. އެކުރާ ޑިމާންޑަށް ކުޅުންތެރިންނަށް ކެތެއް ނުވާނެ. ރެސްޓު ކުރާނެ ވަގުތެއް ނެތި މިހާރުވެސް މިދަނީ،" ބުސްކަޓްސް ބުނެފައިވެއެވެ.

ބުސްކަޓްސް އިތުރަށް ބުނެފައި ވަނީ ޕެންޑަމިކު ހާލަތާއެކުވެސް ކުޅުންތެރިން ތިބީ ބޮޑު ބުރައެއްގެ ތެރޭގައި ކަމަށާއި އެފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ގުރުބާން ވާން ޖެހެނީ ކުޅުންތެރިން ކަމަށެވެ.

މިދިޔަ މެއި މަހު ބޭއްވި ފީފާގެ 71 ވަނަ ކޮންގުރެސްގައި ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރު މުރާޖާކުރުމުގެ ޕްރޮޕޯސަލަށް ރާއްޖެ ހިމެނޭ ގޮތަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)ގެ ތިން ގައުމަކުންވެސް ވަނީ ތާއީދުކޮށްފައެވެ.

ރާއްޖޭގެ އިތުރުން ދެން އެ ޕްރޮޕޯސަލަށް ތާއީދުކޮށްފައި ވަނީ ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިންނެވެ. ހަތަރު ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސުން ސޮއިކުރައްވައި މިއަދު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ފުޓްބޯޅައަށް ގެންނަންޖެހޭ ބަދަލުތައް އަންނަން އެދޭ ކަމަށެެވެ.

ހާއްސަ ގޮތެއްގައި މި ބަޔާނުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމު ބަހުސްތަކުގައި އޭޝިއާގެ ބައިވެރިވުން އިތުރުވާނެ ގޮތްތަކަށް މަގުފަހިކޮށްދީފައި އޮތުމަށް ތާއީދު ކުރާ ކަމަށެވެ. އެގޮތުން ފީފާގެ މެމްބަރު ގައުމުތަކުގެ ގޮތުގައި އޮތް 162 ގައުމާއެކުގައި ރާއްޖެ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުން ވެސް ބައިވެރިވެ، އެދެނީ ފީފާ ކަލަންޑަރު މިހާރަށްވުރެ ފުރިހަމަކޮށް މުރާޖާ ކުރުމަށް ކަމަށް ބުނެފައިވެއެވެ. އެގޮތަށް ވޯޓު ދިނީ މެއި މަހު ބޭއްވި ފީފާގެ ކޮންގްރެސްގައެވެ.