ރައީސް އޮފީހުގެ ޗީޑް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށް ބުނެ ދައުރުކުރަމުންދާ އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވިދާޅުވީ އޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ފަހަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަަށާއި އަދި އަޅުގަނޑަށް ނިސްބަތްކޮށް، ކޯޓުތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަންގާ ކަމަށް މި ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ބަޔަކު މީހުން ކޯޓަށް ނުފޫޒު ފޯރުވުމަށް، ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ވަރަށް ރޭވުންތެރިކަމާއެކު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އޭނާ ޝަރީއަތްތަކަށް ނުފޫޒުފޯރުވާކަމުގެ އަސްލު އޯޑިއޯއެއް ލީކްވެއްޖެ ނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް އެފަދަ އޯޑިއޯއެއް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"އަސްލު އޯޑިއޯއެއް ލީކް ވެއްޖެނަމަ އިސްތިއުފާދޭނަންތޯ، 100 ޕަސެންޓް ޔަގީން. އަސްލު އޯޑިއޯއެއް ނުހުންނާނެ. ލީކެއް ނުވާނެ، ނެތް އެއްޗެއް ލީކެއް ނުވާނެތާ. އެކަމަކުވެސް ތި ބަހުސްގެ ބޭނުމަށް އެފަދަ ކަމެއް އެހެން އޮވެއްޖެނަމަ އަޅުގަނޑު މިހުރީ އިސްތިއުފާ ދޭން ތައްޔާރަށް،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީންގެ ބައެއް ޝަރީއަތްތައް މި މަހުގެ ތެރޭގައި ފަށަން ތާވަލްކޮށްފައި އޮއްވައި، އެފަދަ އޯޑިއޯތަކެއް ދައުރުކުރަމުން ދިއުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އަދި އެކަން ކުރަމުން އެ ގެންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"ކިތަންމެ ސިޔާސީ ވާހަކައެއް ދެއްކި ނަމަވެސް ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް އޭގެ ނުފޫޒެއް ފޯރަދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އަލީ ޒާހިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް އިއްވި ގާޒީން ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯތަކުގައި އަލީ ޒާހިރަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައިވާއިރު، ހައިކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވަނީ އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރައްވައިފައެވެ.