އެމްޑީޕީގެ ޕްރައިމަރީގައި ބައްޔެއް ނުވާނެ ކަމަށާއި ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަކަށް ޓިކެޓް ލިބޭނެ ގޮތެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދާ ވާދަކުރައްވައިގެން ބަލިވެވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުތަކުގައި އެމަނިކުފާނު ވާދަކުރައްވަނީ ގަދަވުމަށް ކަމަށެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ، އެމަނިކުފާނުގެ ފަހަތަށް އަރާވަޑައިގަނެފާނެތޯ އުފެދޭ ސުވާލުވެސް ނުއުފެދޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބައްޔެއް ނުވާނެ، ޕްރައިމަރީ އަކުންނެއް. އެހެންވީމާ ދެން އޭގެ ފަހުން އަންނަ ސުވާލުތަކަކީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެއް ނޫން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްޔެއް ނުވާނެ އަޅުގަނޑަކީ ގަދަވުމަށް އިންތިހާބު ތަކުގައި ވާދަކުރާ މީހެއް،" ރައީސް ސޯލިހާ ވާދަ ކުރައްވައިގެން ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރައްވައިފިނަމަ، އެމަނިކުފާނުގެ ފަހަތަށް އަރުއްވާނެތޯ "ވަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރިހަމަ ކުރައްވާ ބޭފުޅަކަށް ޕްރިމަރީއަކާ ނުލައި އިތުރު އެއް ދައުރަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށްވެސް ރައީސް ނަޝީދު މިއަދު ވަނީ ޖަވާބު ދެއްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭ އުސޫލެއް އެމްޑީޕީގައި ނޯންނަ ކަމަށެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިހާބަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނީ، ޕްރައިމަރީގައި އެމަނިކުފާނަށް ޓިކެޓް ލިބުމުން އިންތިހާބަށް ކުރިމަތި ނުލެވޭނެ ގޮތެއް މެދުވެރިވުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ލިބުނު ޓިކެޓު، އެމްޑީޕީގެ ކޮންގުރެސް އެއް ބޭއްވުމަށްފަހު ހާއްސަ ހާލަތެއް ކަމަށް ދެކި، ޓިކެޓު ލިބުނު މީހާއަށް ކުރިމަތި ނުލެވޭނެ ގޮތެއް މެދުވެރިވެގެން އޭގެ ސަބަބުން، ޓިކެޓު ހަވާލުކުރީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު