ކުއްލި މަރުތައް ގިނަވަމުން އަންނައިރު މިފަދަ ގިނަ މަރުތަކަށް ހިތުގެ ބަލިތައް ވަނީ މަގުފަހިކުރުވާފައެވެ.
އެމެރިކާއިން 2017 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލެވިފައިވާ ހިސާބުތަކަށް ބަލާއިރު އެގައުމުގައި ކޮންމެ 39 ސިކުންތަކުން ހިތުގެ ބަލީގައި މީހަކު މަރުވެއެވެ. ދުވާލެއްގެ މައްޗަށް ހިތުގެ ބަލީގައި 2353 މީހުން މަރުވެފައިވެއެވެ.
ހިތުގެ ބަލިތަކުން ދުރުވެ ތިބުމަށް ދުޅަހެޔޮ ހަށިހެޔޮ ސިއްހަތަކަށް ހަށިގަނޑު ހާނަން ޖެހެއެވެ. މީގެ އިތުރުން ކެއުމަށް ބޭނުންކުރާ އެއްޗެއްސާ މެދުވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ މި ގޮތުން ފައިދާ ކުރުވަނިވި ބައެއް ތަކެތީގެ މައްޗަށެވެ.
ސާކިއުލޭޝަން ކިޔާ މަޖައްލާއެއްގައި ވަނީ ސްޕެއިނުގެ ކްލިނިކް ޑި ބާސެލޯނާ ހޮސްޕިޓަލުން އެކުލަވާލި ދިރާސާއެއްގެ ނަތީޖާތައް އާއްމުކޮށްފައެވެ. މިދިރާސާގައި 628 ބޮޑެތި މީހުން ބައިވެރިކޮށްފައިވާއިރު ބައިވެރިންގެ އުމުރު ފުރާ 63-79 ދެމެދުގައި ހިމެނެއެވެ. އަދި ބައިވެރިންގެ ތެރޭގައި ބާސެލޯނާ، ލޯމާ ލިންޑާގެ އިތުރުން ކެލިފޯނިއާ އަށް ނިސްބަތްވާ ބައިވެރީން ހިމެނެއެވެ. މި ދިރާސާ ކުރިއަށް ގެންދެވިފައިވަނީ ބައިވެރިން ދެ ގުރޫޕަކަށް ބަހާލެވިގެންނެވެ. އެއް ގުރޫޕެއްގެ މީހުންނަށް ދުވާލަކު ބައި ޖޯޑު ވޯލްނަޓު ކާން އަންގާފައިވާއިރު އަނެއް ގުރޫޕަށް ވޯލްނަޓް ކެއުމަށް އަންގާފައެއް ނުވެއެވެ. ދެ އަހަރު ދުވަހަށްފަހު ދެ ގުރޫޕުގެ މީހުންގެ ޓެސްޓުތައް ކުރިއިރު ކެއުމުގައި ވޯލްނަޓް ބޭނުންކުރަމުން އައި ބައިވެރީންގެ ކޮލެސްޓެރޯލް އެލްޑީއެލް ވަނީ 4.3 މިލިގުރާމް/ޑެސިލީޓަރަށް ތިރިވެ، ޖުމުލަ ކޮލެސްޓެރޯލު 8.3 މިލިގުރާމު/ޑެސިލީޓަރަށް ދަށްކޮށްދީފައިވާ ކަމަށް އާއްމުކޮށްފައިވާ މި ދިރާސާގެ ނަތީޖާގައި ވަނީ ބުނެފައެވެ.
ބުދަޕެސްޓުގެ ސެމެލްވެއިސްގެ ޔުނިވަރސިޓީން އެކުލަވާލި ދިރާސާއެއް ވަނީ މިއަހަރުގެ ކޮންގްރެސް އޮފް ދަ ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޯލޮޖީގައި އާއްމުކޮށްފައެވެ.
މިދިރާސާ ހެދިފައިވަނީ ކޮފީބުއިމުގެ އާދަ ގެންގުޅެވޭ ގޮތުން ހާޓް އެޓޭކް އަދި ސްޓްރޯކު ޖެހުމަށް މަގުފަހިކުރުވަނީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުންނެވެ. މިދިރާސާ ހެދުމަށް 11 އަހަރު ދުވަހަށް ބަހާލައިގެން ޖުމުލަ 468،629 މީހުން ވަނީ ބައިވެރިކުރެވިފައެވެ.
މިދިރާސާ އަށް ޑާޓާތައް އެކުލަވާލާފައިވަނީ ޔޫކޭ ބަޔޯބޭންކުންނެވެ. ދިރާސާގައި ބައިވެރިން ތިން ގުރޫޕަކަށް ބަހާލެވިފައިވަނީ ކޮފީ ބުއިމުގެ އާދަ ގެންގުޅޭ މިންގަނޑަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ހިމެނޭ %22 މީހުންނަކީ ގަވާއިދުން ކޮފީ ބޯ ބައެއް ނޫނެވެ. %58.4 މީހުންނަކީ ދުވާލަކު މަދުވެގެން ބައި ޖޯޑުން ފެށިގެން އެންމެ ގިނަވެގެން 3 ޖޯޑާ ހަމައަށް ކޮފީ ބޯ މީހުންނެވެ. އަދި %19.5 މީހުންނަކީ ދުވާލެއްގެ ތެރޭގައި ތިން ޖޯޑަށްވުރެ ގިނައިން ކޮފީ ބުއިމުގެ އާދަ ގެންގުޅޭ މީހުންނެވެ.
ދިރާސާގެ ބައިވެރިންގެ އެވްރެޖް އުމުރަކީ 56.2 ކަމަށް ވީނަމަވެސް މިއިން އެއްވެސް ބައިވެރިއަކަށް ހިތުގެ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ދިރާސާގެ ފުރަތަމަކޮޅު ވަނީ ދައްކާފައެވެ. މިދިރާސާ އިން ވަނީ އެއްވެސް ވަރަކަށް ކޮފީ ނުބޯ މީހުންނާއި އަޅައިބަލާއިރު އާދައިގެ ވަރަކަށް ނުވަތަ އެވްރެޖްކޮށް ތިން ޖޯޑަށްވުރެ ގިނަ ނުވާވަރަށް ކޮފީ ބުއިމުގެ އާދަ ގެންގުޅުނު މީހުން ހިތުގެ ބަލި ޖެހިގެން މަރުވުމުގެ ފުރުސަތު %12 ކުޑަކޮށްދީފައިވާ ކަމަށާއި އަދި %21 ސްޓްރޯކު ޖެހުން ދަށްކޮށްދީފައިވާ ކަމަށް ބުނެފައެވެ.
މިކަމަށް ޓަކައި ބައިވެރިންގެ ތެރެއިން 30،650 މީހުންގެ ހިތުގެ ހާލަތު ދެނެގަތުމަށް އެމްއާރްއައި ވަނީ ހަދައިފައެވެ. އެމްއާރުއައިގެ ނަތީޖާތަކަށް ބަލާއިރު އެއްވެސް މިންވަރަކަށް ކޮފީ ނުބޯ މީހުންނާއި އަޅައި ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ތިން ޖޯޑު ކޮފީ ބުއިމުގެ އާދަ ގެންގުޅުނު މީހުންގެ ހިތް ރަނގަޅަށް މަސައްކަތްކުރާކަން ދައްކާފައިވާ ކަމަށް ކާޑިއޯލޮޖިސްޓު ޖުޑިތު ސިމޮން ވަނީ ފާހަގަކޮށްފައެވެ.
ނަތީޖާތައް މިހެން ދެއްކި ނަމަވެސް މިކަންކަން އިތުރަށް ބަލައި ދިރާސާކުރުން މުހިއްމުކަމުގައި އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ހިތުގެ ބަލިތަކާ ގުޅުން ހުރި ހަމަ އެކަނި ހައްލު ނޫން ކަމަށާއި ވަށައިގެންވާ އެހެން ވަރަށް ގިނަ ސަބަބުތަކަށް ވެސް ބަލާން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް