ދުނިޔެ

ޗައިނާއިން އުފެއްދި ކޮވިޑު ވެކްސިންގެ ތިން މިލިއަން ޑޯޒު ދިނުމުންވެސް އުތުރު ކޮރެއާއިން ބޭނުމެއް ނުވި

ޗައިނާއިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ވެކްސިންގެ ތިން މިލިއަން ޑޯޒް ދިނުމުންވެސް، އެ ވެކްސިން ބޭނުން ނުވާ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާއަކީ، އަވަށްޓެރި ޗައިނާއިން ބަލި އައުން ހުއްޓުވުމުގެ ގޮތުން ބޯޑަރުތައް ބަންދުކޮށް، ހަރުކަށި ލޮކްޑައުންއަކަށް ދިޔަ ފުރަތަމަ ގައުމެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން އެގައުމު އަދިވެސް އޮތީ ބަންދުގައެވެ.

އުތުރު ކޮރެއާއިން އަދި މިހާތަނަށް ކޮވިޑު ކޭސްއެއް ފެނިފައި ނުވާ ކަމަށް އެގައުމުން ބުނި ނަމަވެސް، ލޮކްޑައުންގެ ސަބަބުން އެގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން ކާނާގެ މުސީބާތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އެގައުމުން ވަނީ ހާމަކޮށްފައެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޔުނިސެފުން ބުނީ، އުތުރު ކޮރެއާއަށް ދިން ޗައިނާ ވެކްސިން، އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކަށް ދިނުމަށް އެގައުމުން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އުތުރު ކޮރެއާ އިން ބުނީ، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.

ޗައިނާއިން އުފެއްދި ކޮވިޑް ވެކްސިނަށް އުތުރު ކޮރެއާއިން ނޫނެކޭ ބުނެފައިވާ އިރު، ކޮވެކްސް ފެސިލިޓީން ދިން އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓުތަކަކަށްވެސް އެގައުމުން ނޫނެކޭ ބުނެފައިވާ ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ ތިންކް ޓޭންކަކުން ވަނީ ބުނެފައެވެ.

އެ ވެކްސިން ޝިޕްމަންޓް އުތުރު ކޮރެއާއިން ބޭނުން ނުވީ، އެ ވެކްސިންގެ ސަބަބުން ސައިޑް އިފެކްޓްސްތަކެއް ފެންނާތީ ކަމަށް ބުނެއެވެ.