ޚަބަރު

ގުރޭޑް އެކެއްގެ ގުރުއާން ފޮތުގައި ދެ ސޫރަތް އެކުވެފައިވާ މައްސަލަ ބަލައި ހައްލުކުރަނީ

ރިފާ ހަލީލު

ގުރޭޑް އެކެއްގެ ގުރުއާން މާއްދާގެ ފޮތް ޕްރިންޓު ކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލަ ބަލައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ފާހަގަވި ހިސާބުން އެކަން ހައްލުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މައްސަލަ ޖެހިފައިވާ ސަފުހާތައް ބަދަލުކުރުމަށް އަމަލުކުރަންޖެހޭ ގޮތް ސްކޫލުތަކާއި ހިއްސާކޮށް ސްކޫލުތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މައްސަލަ ހުރި ފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީން ޗެކު ކޮށްފައިވާ ފޮތްތަކެއް ކަމަށާއި ނަމަވެސް އެ މައްސަލަ ދިމާވި ގޮތް ބަލަމުންދާ ކަމަށެވެ.