ދިވެހިންގެ ބަޔަކު އިންޑިއާއާ ގުޅިގެން 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު "ވަގަށް" ނަގާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތުކުރައްވައިފިއެވެ.

"އައްޑަނަ" ނަމުގައި އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ދިވެހިންނަށް ކާބަފައިން ގެނެސްދިން ރާއްޖެއަކީ މިނިވަން އުފާވެރި ހަދި ހަމަނުޖެހުމެއް ނެތް، އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރާއްޖެ އެއް ކަމަށެވެ.

ނަމަވެސް ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށް އަދުރޭ ވަނީ ތުހުމަތުކުރައްވައިފައެވެ.

"އަވައްޓެރި އިންޑިއާގެ އެހީގައި 2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބު ވަގަށް ނަގައިފި. މިއީ ދުނިޔޭގައި އަލަށް ހިނގި ކަމެއް ނޫން. އަމިއްލަ ފައި މައްޗަށް ތެދުވާ ގައުމުތަކުގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރުމަކީ އާންމު ކަމެއް." އަދުރޭ ވިދާޅުވިއެވެ.

އީރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނާއި ލީބިއާ އަދި މިސްރުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުން މިސާލު ނަންގަވަމުން އަދުރޭ ވިދާޅުވީ، އެކި ނަންނަމުގައި ރާއްޖެ އަންނަ ބޭރުގެ މީހުންނާ މެދު ސަމާލުވާން ޖެހޭ ކަމަށާއި އެއީ ރާއްޖެ އަޅުވެތި ކުރާނެ މީހުން ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެކި ނަންނަމުގައި އުޅޭ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށާއި ރާއްޖެއަށް އެމީހުންގެ ބޭނުމެއް ނުޖެހޭ ކަމަށެވެ.

2018ގެ ރިޔާސީ އިންތިހާބު ވަގަށް ނެގީ އިންޑިއާގެ އެހީގައި ކަމަށް އަދުރޭ ވިދާޅުވިއިރު، މިސަރުކާރުން އަންނަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.