ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމަނައިގެން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު، އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

"އައްޑަނަ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"ރަނގަޅަށް ކަނުލާ އަޑުއައްސަވާ. ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން. އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ އަދާވާތްތެރިން ކިތަންމެ ބޭނުން ނުވި ނަމަވެސް، 2023ގައި އެމަނިކުފާނު ރާއްޖޭގެ ރިޔާސަތުގައި އިންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ލިސްޓުގައި އެއް ވަނައަށްވެސް އަދި 100 ވަނައަށްވެސް އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު ކަމަށް ވިދާޅުވިއެވެ.

"އެ ލިސްޓުގައި ޕީޕީއެމްގެ ފަރާތުން، އެކަކަށްވެސް، ދޭކަށްވެސް ތިނަކަށްވެސް އަދި 100 އަށްވެސް އޮންނާނީ އެމަނިކުފާނުގެ ނަންފުޅު." ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، އަދުލުވެރި ޝަރީއަތެއްގެ ތެރެއިން އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.