ކުޅިވަރު

ނޯވޭއާއި ނެދަލޭންޑްސް އެއްވަރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް ބޮސްނިއާ ކައިރީ މޮޅެއް ނުވެވުނު

މުޙައްމަދު ޝަމްޢޫން

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ނޯވޭ އާއި ނެދަލޭންޑްސް ވާދަކުރި މެޗާއި، ފްރާންސާއި ބޮސްނިޔާ ވާދަކުރި މެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.

ދެ މެޗުވެސް ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭ ފްރާންސުން ކުޅުނު މެޗުގެ 51 ވަނަ މިނެޓުގައި ސެވިއްޔާއަށް ކުޅެމުން އަންނަ އެގައުމުގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ފްރާންސުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ގޯލްވެސް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ބޮސްނިއާއިންނެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ މި ޓްރާންސްފާ ސީޒަންގައި އިންޓަ މިލާނަށް ބަދަލުވި ފޯވަޑް އެޑެން ޒެކޯއެވެ. އޭގެ ތިން މިނެޓުފަހުން ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ އޮންޓޮއިން ގްރީޒްމަން ޖެހި ގޯލަކުންނެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ކޫންޑޭއަށް ރަތްކާޑު ދެއްކީ ބޮސްނިއާގެ ސައީދު ކޮލާސްނިޗަށް ކުރި ޓެކުލަކުންނެވެ. އެ ޓެކުލަށް ފުރަތަމަ ރެފްރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރްގެ އެހީގައި އެ ނިންމުން ވަނީ ރަތް ކާޑަކަށް ބަދަލު ކޮށްފައެވެ.

ފްރާންސުން މިހާތަނަށް ވޯލްޑް ކަޕް ކޮލިިކޭޝަންގައި ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ.

ރޭ ނޯވޭއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވާއިރު، އެ މެޗު ވެގެން ގޮސްފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޑިފެންޑަރު ވާޖިލް ވެންޑައިކާއި އެންމެ ފޯމުގައި ހުރި އެއް ފޯވަޑް އާލިން ބަޓް ހާލަންޑުގެ ކުރިމަތިލުމަކަށެވެ. އަނިޔާގައި މިދިޔަ ސީޒަންގެ ބޮޑު ބައެއް ހޭދަކުރި ވެންޑައިކު މި ސީޒަނަށް އެނބުރި އައިސްފައިވާއިރު، ރޭގެ މެޗަކީ އަނިޔާގެ ފަހުން އޭނާ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓުގައި ހާލަންޑް ނޯވޭގެ ގޯލް ޖަހައި ލީޑު ނަގައިދީފައިވެއެވެ. އެ ހާފްގައި ހާލަންޑު ފައިގައި އިތުރު ބޯޅައެއް ނުޖެހުނު ނަމަވެސް އެ ގޯލުވީ ޕޮއިންޓެއް ހޯދުމަށް މުހިއްމު ގޯލަކަށެވެ. މެޗުގައި ނެދަލޭންޑްސްއިން ޖެހި ގޯލަކީ 36 ވަނަ މިނެޓުގައި ކްލާސެން ޖެހި ގޯލެކެވެ.

ކޮލިފިކޭޝަން ގްރޫޕް ޖީއަކީ މިވަގުތު އެންމެ ވާދަވެރި އެއް ގްރޫޕެވެ. ތުރުކީން އަށް ޕޮއިންޓާއެކު ގްރޫޕް ލީޑު ކުރަމުން އަންނައިރު، ދެން އޮތް ނެދަލޭންޑްސްއާއި ނޯވޭ އަދި މޮންޓަނޭގްރޯއަށްވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.