ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް އާ ޝަރުތުތައް ކަނޑައެޅޭނީ އަސާސީ ގަވާއިދު އިސްލާހު ކޮށްގެން ނުވަތަ އަސާސީ ގަވާއިދުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން މިހެން ބުނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމުމާ ގުޅިގެން އެކަމުގެ ޝަކުވާ މަހުލޫފުގެ ފަރާތުން އީސީއަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމަށް ފަހު އެމްޑީޕީއަށާއި މަހުލޫފަށް އެކޮމިޝަނުން ފޮނުވި ސިޓީގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސް ކުރައްވައި އީސީން މިއަދު ފޮނުވި ސިޓީގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީވެސް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބު ތަކެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.
އީސީން ބުނީ، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް، ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވޭ އިސްލާހެއްގެ ދަށުން ނުވަތަ އަސާސީ ގަވާއިދުން ބާރުލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ކަމަށެވެ.
އަދި ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިދީފައިވީ ނަމަވެސް އެކަން އޮންނަނީ މުތުލަގު ގޮތެއްގައި ދޫކޮށްފައި ނޫން ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެޕާޓީން ނިންމިި އިރު، މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލައިގައި މަހުލޫފަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު