ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިއްޔެ ޖަމާވިއިރު ބައެއް ފަރާތްތަކަށް އޮޅިގެން 95،000ރ. އާ ގާތް ކުރާ އަދަދަކަށް ޖަމާވެފައިވާއިރު، އަނެއްބައި މުވައްޒަފުންގެ މުސާރަ ކުޑަކޮށް ޖަމާވެއްޖެ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވި އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލުތަކުގެ އޮފިޝަލުން ވިދާޅުވީ، ބައެއް މުވައްޒަފުންގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 95،000ރ. ޖަމާވެފައިވާ ކަމަށާއި އަނެއް ބައި މުވައްޒަފުންނަށް 70،000ރ. ޖަމާވެފައިވާ ކަމަށެވެ.
"ކުރިން ވެސް މިކަހަލަ ކަންކަން ދިމާވޭ. މިފަހަރު ވެސް އަޅުގަނޑުމެންގެ ހައެއްކަ ސްޓާފުންގެ އެކައުންޓަށް އެބަހުރި އެގޮތަށް ޖަމާވެފައި. ނަމަވެސް މިފަހަރު އެހެން ނޫނީ ދުވަހަކު ވެސް ޖަމާ ނުވާ ވަރަށް ގިނައިން ހުރީ ޖަމާވެފައި،" ތޮޅު ހޮސްޕިޓަލެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މުސާރަ އެކައުންޓަށް ޖަމާވުމުގެ ކުރިން ހުރިހާ ސްޓާފުންނަށް ވެސް ޕޭ ސްލިޕް ލިބޭނެ ކަން ފާހަގަކުރައްވައި އެހެން ހޮސްޕިޓަލެއްގެ އޮފިޝަލަކު ވިދާޅުވީ، އެ ސްލިޕްގައިވާ އަދަދަށް ވުރެން މަދުން އަދި ގިނައިން ޖަމާވި ނަމަވެސް އެކަން އަންގަން ޖެހޭނެ ކަމަށެވެ. އަދި ސްލިޕްގައި ވާ އަދަދަށްވުރެން މަދުވެއްޖެ ނަމަ އެ ފައިސާ އެ މުވައްޒަފަކަށް ޖަމާކޮށްދޭއިރު، ގިނަވެއްޖެ ނަމަ މީގެ ކުރިން ރިވާޒް ވެސް ކޮށްފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނެފައި އޮންނާނީ ޕޭ ސްލިޕްގައިވާ އަދަދަށްވުރެން ގިނަ ވެއްޖެ ނަމަ އެ ބޭނުން ނުކުރުމަށް. އެ ފައިސާ އެ ފަރާތެއްގެ އަތުން ނެގޭނެ ކަން އަންގާފައި އޮންނާނީ،" ހޮސްޕިޓަލެއްގެ މެނޭޖަރަކު ވިދާޅުވި އެވެ.
ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާއިރު، އަނެއް ބައި މުވައްޒަފުންގެ އެކައުންޓަށް މަދުން ޖަމާވެފައި ހުރި ކަމުގެ ޝަކުވާތައް ވެސް ހޮސްޕިޓަލްތަކަށް ލިބިފައިވާ ކަމަށް ބައެއް ހޮސްޕިޓަލްތަކުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ޖަމާކުރި އިރު ބައެއް އޮޅުންތައް އަރާފައިވާ ކަމަށާއި އޮޅިގެން ގިނައިން ޖަމާކުރެވުނު އެކައުންޓުތަކުން ފައިސާ އަނބުރާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު