މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާމަންޒިލް ގައި އިމާރާތްކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާގެ ދަށު ވެ މަރުވި ބަންގްލަދޭޝްގެ ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 4.5 މިލިޔަން ރުފިޔާ ދިނުމަށް ސިވިލްކޯޓުން ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ހުކުމް ކޮށްފިއެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ދައުވާކުރީ 2019 ވަނަ އަހަރުގައެވެ.

އެ މައްސަލައިގައި ކުއްޖާގެ އާއިލާގެ ފަރާތުން ވަކާލާތު ކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނި، ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ހިންގި ފަރުވާ ކުޑަ އަމަލުތަކެއްގެ ސަބަބުން ކަން ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަނުން އުފުލަން ޖެހޭ ކަމަށް މަދަނީ މިންގަނޑުން ސާބިތު ވާ ކަމަށް ވެސް ދަށު ކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

އެ ބަޔާނުުގައި ޕީއައިއެލްސީ އިން ބުނެފައި ވަނި ގެއްލުމުގެ ބަދަލަށް ނަގައިދޭން އެދުނު އަދަދުން ބޮޑު ބައެއް ނަގައިދޭން ނުފެންނަ ކަމަށް ކަނޑައެޅީ ރަނގަޅަށް ކަމަށް އެ ޖަމިއްޔާއަށް ނުފެންނަ ކަމަށެވެ. އެކަމަކު، ހުކުމުގެ އެ ބައި މަތީ ކޯޓުގައި އިސްތިއުނާފު ކުރަން މައިންބަފައިން އެދޭ ނަމަ ޖަމިއްޔާގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާ ފުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.