ދައުރުވަމުންދާ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އޯޑިއޯތަކުގެ އެނަލިސިސް ހަދަން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ފުލުހުންނަށް ދީފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނޭ ތިން ގާޒީން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އެ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް، އެ ފަނޑިޔާރުންގެ ރުހުމާ އެކު މިއަދު އޯޑިއޯ ސާމްޕަލް ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ ދައުރުވާ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފަށާފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ވަނީ އެ ތިން ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.
އެއަށްފަހު ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަމަށް ގާޒީ ފާއިޒާއި ގާޒީ އަލީ އާދަމް އަދި ގާޒީ ސަމީރުވެސް ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު އަހުމަދު ޝަކީލާވެސް ސުވާލުކޮށް މައުލޫމާތު ސާފު ކުރި ކަމަށާއި އެ ދެ ފަނޑިޔާރުންވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އެ ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެ ފަނޑިޔާރުން ކަމަށް ބުނާ ފަނޑިޔާރުން ރުހުންދީފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު