ޚަބަރު

ސްކޫލްތަކުގެ ބެލެނެވެރީންނަށް ގްރީން ކާޑު ދޫކުރަން ފަށައިފި

ރިފާ ހަލީލު

ވެކްސިން ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރުމަށް ސްކޫލް ތަކުން، ބެލެނެވެރީންނަށް ގްރީން ކާޑުގެ ނަމުގައި ދޫކުރަން ނިންމާފައިވާ ކާޑު މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ވެކްސިން ޖެހޭ އުމުރުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ދަރިވަރެއް، ބެލެނެވެރިއެއް އަދި ޓީޗަރަކަށްވެސް ސްކޫލަށް ނުވަދެވޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި ސްކޫލްގެ އެހެނިހެން މުވައްޒަފުންވެސް ހިމެނެ އެވެ.

މިހާރު އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދީންނަށް ވެކްސިން ދޭން ވަނީ ފަށާފަ އެވެ. މިހާތަނަށް 30،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، މިހާރު ސްކޫލްތަކުން ބެލެނެވެރިންނަށް ގްރީން ކާޑު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ކާޑު އެ ބެލެނެވެރިޔާއާ ހަވާލު ކުރާނީ ވެކްސިން ކާޑު ސްކޫލަށް ހުށަހެޅުމުން ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑު-19 ކޮންޓްރޯލް ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ހަރުކަށި ފިޔަވަޅުތަކެއް މީގެ ކުރިން އެޅިއެވެ. ނަމަވެސް މިހާރު ކޮވިޑު ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމުން ސަރުކާރުން ވަނީ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.