ނަސަންދުރާ ޕެލެސް ހޮޓެލް ހިންގަމުން އައި ބިމާއި، އެ ބިމާ އިންވެގެން އޮތް 26 ނަމްބަރު ކޮށީގައި އޮތް ބިން ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށްދިން މައްސަލައިގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރާނެ އަސާސެއް ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވައިލި މައްސަ އަލުން މުރާޖައާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ، އެއާމޯލްޑިވްސް ކުރިން ހިންގި އިމާރާތް ތަޅާލައި ނަސަންދުރައިގެ ބިމާ އެއްކޮށްލައިގެން ނަސަންދުރަ ތަރައްގީ ކުރަން، ޗައިނާގެ ކުންފުންޏަކާއި ދިވެހި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ވާހަކަ ރަސްމީ ލިޔެކިޔުންތަކުން އެނގެން ނެތް މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މީހަކު ހުށަހެޅި މައްސަލަައާ ގުޅިގެން އޭސީސީން އެ ކޮމިޓީއަށް ދިން މައުލޫމާތުގެ ތެރޭގައެވެ.

ނަސަންދުރައިގެ މައްސަލަ ކުރިއަށްދިޔަ ގޮތް ތަފްސީލުކޮށް އޭސީސީން ބުނެފައި ވަނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް އެދި 13 މާޗް 2018 ގައި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލަ ދިރާސާކޮށް ބެލުމަށްފަހު އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރެވިދާނެ ކަމަށް ނުފެންނަ ކަމާއި، ޒިޔަތުގެ މައްޗަށް ޖިނާއީ ދައުވާއެއް ބިނާ ކުރާނެ ގާނޫނީ އަސާސެއް އޮތްކަމަށް ނުފެންނަ ކަމަށް ބުނެ، އެފަރާތްތަކަށް ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވި ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ ފަހުން ޕީޖީ އޮފީހުގެ އެ ނިންމުން އަލުން ރިވިއު ކޮށްދިނުމަށް އެދިި ކޮމިޝަނަށް ފާހަގަ ކުރެވޭ ކަންކަތައްތައް ބަޔާންކޮށް 10 އޯގަސްޓް 2020 އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މީގެ އިތުރުން މިމައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރިކަމަށް ކޮމިޝަނަށް ފެންނާތީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރުމާއި ބަޔާން ނަގަން ޖެހޭ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ ބަޔާންތައް ނެގުމާއި އަލުން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންކަމާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން ހޯދަން ޖެހޭ އިތުރު މައުލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.