އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ އަށް ކަނޑައަޅާފައި ނިއުޔޯކްގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިއްޔެ އެމަނިކުފާނު ވަނީ އިޓަލީ ވިލާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާ އާއި، އިންސާނީ ހައްގުތަކާ އަންހެނުންގެ ހައްގުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް އާއި އިއްޔެ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވީތީ އުފާކުރައްވާ ކަންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑްއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާ ވެސް މިނިސްޓަރު ޝާހިދު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ. އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދުއާ ހިއްސާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުކުރައްވައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަ ކަމަށް މިނިސްޓަރު ޝާހިދު ތައުރީފުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ސްލޮވީނިއާ އިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުކުރައްވައި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާ އިން ވިލާތުގެ އިއްތިހާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ސްލޮވީނިއާއަކީ މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ގައުމެވެ.