ދިވެހި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސް އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ޑިވިޝަނަށް ބަދަލުކޮށް އެ ޑިވިޝަންތަކަށް ކޮމާންޑަރުން އައްޔަން ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނ. މާފަރު ޕޮލިސްޓޭޝަން ހުޅުވުމަށް ޓަކައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ރަނގަޅު ސުލްހަވެރި މުޖުތަމައަކީ އަދަބުދެވިގެން ވާނެ މުޖުތަމައުއެއް ނޫން ކަމަށާއި އިންސާނީ މުޖުތަމައެއްގެ ސަލާމަތާއި, ރައްކާތެރިކަމާއި, މުޖުތަމައުގެ ހަމަޖެހުން ކަށަވަރު ވެފައި އޮތުމުގެ އެންމެ މަތިވެރި ބަހާ އަކީ އެ މުޖުތަމައުގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މި ސުލްހަވެރިކަން ގެއްލުމުގެ ނަތީޖާއަކަށް ވެގެންދަނީ މުޖުތަމައުގެ ބޮޑުބައެއް ޖަލުތަކުގެ ތޭރިތަކުގެ ފުރަގަހަށް ލާން ޖެހި ބޮޑެތި ހަރަދުތައް ކުރަން ޖެހުން ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު ފުލުހުންގެ ހިދުމަތް ދެމުން އަންނަ ނިޒާމަށް މުހިންމު ބަދަލުތަކެއް މި ފެށޭ މަހުގެ ތެރޭގައި ގެންނަވާނެ ކަމަށެވެ. އެގޮތުން މިހާރު ހިދުމަތް ދެމުން އަންނަ ފުލުހުންގެ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ޑިވިޝަނެއް ގާއިމު ކޮށް އެ ޑިވިޝަންތަކަށް ކޮމާންޑަރުން އައްޔަންކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ހިދުމަތް ދިނުމުގައި ފަސޭހަކަމާއި, އަވަސްކަމާއެކުގައި ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނިންމުން. މި ޑިވިޝަންތަކަށް އައްޔަން ކުރާ ކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަސީލަތްތަކާއި, ހިދުމަތް ދިނުމަށް ފަހިކުރެވިފައިވާ ބޭފުޅުންނަށް ވެގެންދާނެ." އޭނާ ވިދާޅުވި އެވެ.
އަތޮޅުތަކުގައި ގާއިމު ކުރާ ޑިވިޝަންތަކަށް އައްޔަން ކުރާ ކޮމާންޑަރުންގެ ސަބަބުން ކުރިއަށް ގެންދަން ޖެހޭ މުހިއްމު މަސައްކަތްތަކުގައި ވަރަށް ހުނަރުވެރިކަމާއި ގާބިލު ކަމާ އެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށާއި، ހުރިހާ ކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާ ވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދިޔުން އެއީ އުއްމީދު ކުރައްވާ ގޮތް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
އިމްރާން ވިދާޅުވީ އެ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ކުރުމަށް މިހާރުވެސް މަސައްކަތް ފަށާއިފައިވާ ކަމަށެވެ. އަދި އެއީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމެއް ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު