ކޮލަމް

މުޙަންމަދު ޝާހިދު ޙަލީމްގެ ހިތް: ށަވިޔަނިސުކުން، "ނާސަބުނެ ރަދުންނަށް - ނަށަރަދުން ބުނެ ސަނާ"

މުޙަންމަދު ޝާހިދު ޙަލީމް

2

އަޅުގަނޑުގެ ހިތަށްއަރައެވެ. ދިވެހި ބަސް ލިއާ އިރު ށަވިޔަނިސުކުނާއި އަލިފުސުކުން އޮޅުވައިނުލައި ލިއުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ދެ ސުކުން އޮޅިފައި ހުންނަ ލިއުންތައް ފެންނަމުން ދެއެވެ. ބައެއް ފަހަރު އެއް ލަފުޒެއް ދެ ލަފުޒެއްގައި ސުކުން އޮޅިފައި އޮތްވައެވެ. ބައެއް ފަހަރު ހުރިހައި ލަފުޒެއްގައި ހެން ސުކުން އޮޅިފައި ހުށްޓައެވެ. މި ގޮތަށް ސުކުން އޮޅިފައި ހުންނަ އެއްބައި ތަންތަނަކީ އެ ތަންތަނުގައި ސުކުންކުރާނެ އަކުރާ މެދު ދިވެހި ބަހުގެ އިހު އެދުރުން ވެސް ތަފާތު ޚިޔާލު ފައުޅުކޮށްފައި ހުރި ތަންތަނެވެ. އަދި ދިވެހި ބަހުގެ ހަމަތަކާ މެދު ވާހަކަދައްކާ ފަހުގެ ބައެއް ލިއުންތެރީންނާއި އެ ނޫން ބައެއް މީހުން ވެސް ތަފާތު ޚިޔާލު ފައުޅުކުރަމުން ދާ ތަންތަނެވެ. އެހެންނަމަވެސް މި ގޮތަށް ސުކުން އޮޅިފައި ހުންނަ އަނެއްބައި ތަންތަނަކީ އެ ތަނުގައި ސުކުންކުރާނެ އަކުރާ މެދު ތަފާތު ޚިޔާލުތަކެއް ފައުޅުކުރެވިފައި ހުރި ކަމަށް އަދި ފައުޅުކުރެވެމުންދާ ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި ވާ ތަންތަނެއް ނޫނެވެ. މި ލިއުން ށަވިޔަނިސުކުން ކުރެވޭ ތަންތަނާ މެދު ލިއެލާން ގަސްދުކުރީ ދާދި ފަހުން ވެސް މި ފަދަ ލިއުމެއް ފެނިފައި ވާތީ ށަވިޔަނީގައި ސުކުންކުރެވޭ ހަމަތައް ހަނދާން އައުކޮށްލުމަކީ އެންމެ ރަނގަޅު ކަމެކޭ ހިތަށްއެރީމައެވެ.

ށަވިޔަނީގައި ސުކުންކުރެވޭ ފުރަތަމަ ހަމައަކީ އެ ސުކުން އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއޭ ނަމަ، ށަވިޔަންޏެއްގައި އެ ފިއްޔެއް ޖެހޭ ތަންތަނުގައި ށަވިޔަނީގައި ސުކުން ކުރުމެވެ. މި ހަމައިން ށަވިޔަނީގައި ސުކުން ކުރާ އިރު ސުކުން އޮންނާނީ އެންމު އާންމު ގޮތެއްގައި ލަފުޒުގެ ނިމުމުގައެވެ. މިސާލަކަށް: ރަށް، އަށް. މި ދެ ލަފުޒުން |ރަށް| މި ލަފުޒުގައި |ް| އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއާން ބަލާ އިރު ކިއެނީ ރަށަށް، ރަށުން، ރަށެއް، ރަށާ، ރަށަކީ، ރަށަކު، ރަށޭ، ރަށެވެ، ރަށުގައި، ރަށުގެ މި ފަދަ ގޮތްގޮތަށް |ރަށް|ގެ |ް| އޮތް ތަނުގައި |ށ|ގައި ފިލިޖަހައިގެންނެވެ. އަނެއް މިސާލު |އަށް|އަށް ބެއްޔަސް އެ ލަފުޒުގައި ސުކުން އޮތް ތަނުގައި ފިއްޔެއް ޖަހައިގެން ކިއާން ބަލާ އިރު ކިއެނީ އަށޭ، އަށަ މި ފަދަ ގޮތްގޮތަށް |އަށް|ގެ |ް| އޮތް ތަނުގައި |ށ|ގައި ފިލިޖަހައިގެންނެވެ.

މި ގޮތަށް ލަފުޒެއްގެ ފަހަތުގައި އޮންނަ ސުކުން |އ|ގައި ކުރާ ލަފުޒުތަކުގައި |އް| އޮތް ތަނުގައި |ށ|ގައެއް ފިލިޖަހައިގެންނެއް ނުކިއޭނެއެވެ. އެ ފަދަ ލަފުޒުގައި އާންމު ގޮތެއްގައި ފިލި ޖެހޭނީ |ކ|ގައެވެ. މިސާލަކަށް |ރުއް| މި ލަފުޒުގެ |ް| އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހާ ނަމަ ޖެހޭނީ |ކ|ގައެވެ. ރުކަށް، ރުކުން، ރުކެއް، ރުކާ، ރުކަކީ މި ފަދައިންނެވެ. |އުޅައް| ވެސް ހަމަ އެ ފަދައެވެ. |ް| އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހާ ނަމަ ޖެހޭނީ |ކ|ގައެވެ. އުޅަކަށް، އުޅަކެވެ، އުޅަކުގައި މި ފަދައިންނެވެ. |ފުޅައް| ކަހަލަ މަދު ލަފުޒެއްގައި |ް| އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހާ އިރު |ކ| ނޫން އަކުރެއްގައި ފިލި ޖަހައިގެން ކިއުނަސް އެ ފަދަ ލަފުޒެއްގައި ވެސް |ށ|ގައެއް ފިއްޔެއް ނުޖެހެއެވެ.

މި ގޮތަށް ލަފުޒެއްގެ ފަހަތުގައި |ށް| އޮންނަ ލަފުޒުތަކަށް ބަލާ އިރު އެންމެ އާންމު އެއް ލަފުޒަކީ ބަހުގެ މައިގަނޑު އަށް ބައިގެ ތެރެއިން އެއް ބައި ކަމަށް ވާ "އަކުރު"ގެ ބައިގައި އޮންނަ |އަށް|އެވެ. މިސާލަކަށް: ފިހާރައަށް، ހިތާމައަށް، ފައިސާއަށް، މައްކާއަށް، މަދިރިއަށް، ދޮޅިއަށް، ޕާޓީއަށް، މާޒީއަށް، ގެއަށް، ބަދިގެއަށް. މި ގޮތަށް ލަފުޒެއްގެ ފަހަތަށް |އަށް| ގުޅޭ އިރު ހުރިހައި ފަހަރަކު |އަށް| ފުރިހަމައަށް ފެންނާކަށް ނޯވެއެވެ. ބައެއް ލަފުޒާ މި |އަށް| ގުޅޭ އިރު |އަށް|ގެ |އ| އުނިވެފައި އެ އަލިފުގައި އޮތް |ަ| ކުރީގައި އޮތް ލަފުޒުގެ ފަހު އަކުރުގެ ފިއްޔަށް ބަދަލުވެއެވެ. އެއީ އެ އަކުރުގެ ފިލި އުނިވުމާ އެކުގައެވެ. މިސާލަކަށް |ޝާހު|ގެ ފަހަތަށް |އަށް| ގުޅާ އިރު |ޝާހު| ނިމޭ |ު|އާއި |އަށް| ފެށޭ |އ| އުނިވެފައި |އ|ގައި އޮތް |ަ| |ޝާހު| ނިމޭ |ހ|އަށް ބަދަލުވެއެވެ. (ޝާހު+އަށް > ޝާހ+ަށް > ޝާހަށް). ހަމަ އެ ގޮތަށް (ރަށް+އަށް > ރަށަށް، ގުދަން+އަށް > ގުދަނަށް، ގިރާވަރު+އަށް > ގިރާވަރަށް، ޒުވާބު+އަށް > ޒުވާބަށް) މި ގޮތަށް ބަދަލުވެއެވެ.

އަދި މި |އަށް| ބައެއް ލަފުޒާ ގުޅޭ އިރު |އަށް|ގެ |އ| އުނިވެފައި އެ އަލިފުގައި އޮތް |ަ| ކުރީގައި އޮތް ލަފުޒުގެ ފަހު އަކުރު އެހެން އަކުރަކަށް ބަދަލުވެފައި އެ ބަދަލުވި އަކުރުގެ ފިއްޔަށް ބަދަލުވެއެވެ. އެއީ އެ ފަހު އަކުރުގައި ކުރީން އޮތް ފިލި އުނިވުމާ އެކުގައެވެ. މިސާލަކަށް |އޮފީސް|ގެ ފަހަތަށް |އަށް| ގުޅީމާ އޮންނަނީ |އޮފީހަށް| މި ގޮތަށެވެ. (އޮފީސް+އަށް > އޮފީސ+ަށް > އޮފީހ+ަށް > އޮފީހަށް). އަދި ބައެއް ފަހަރަށް އެ ބަދަލުވާ އަކުރުގެ ކުރިއަށް އެހެން ސުކުނެއް ވެސް އިތުރުވެއެވެ. މިސާލަކަށް |މެހި|ގެ ފަހަތަށް |އަށް| ގުޅީމާ އޮންނަނީ |މެއްސަށް| މި ގޮތަށެވެ. (މެހި+އަށް > މެހ+ަށް > މެސ+ަށް > މެއްސ+ަށް > މެއްސަށް).

އެހެންކަމުން މި ގޮތަށް މި |އަށް| ގުޅޭ ލަފުޒެއްގެ ގޮތުން އެ ލަފުޒެއްގެ ފަހު އަކުރާ އެކު، ނުވަތަ ފަހު އަކުރު ބަދަލުވީ އަކުރާ އެކު -ހަށް، -ށަށް، -ނަށް، -ރަށް، -ބަށް، -ޅަށް، -ކަށް ... މި ގޮތްގޮތަށް ހުށްޓަސް އަސްލަކީ |ް| އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއާން ބަލާ އިރު ށަވިޔަނީގައި ފިލިޖެހޭ |އަށް| ކަމަށް ވާތީ ސުކުން ކުރެވޭނީ ށަވިޔަނީގައެވެ. މި |އަށް| މިއީ ށަވިޔަނި މަތީ "ތެދުފިލި" (އަބަފިލި) ޖެހޭތީ ށަވިޔަނީގައި ސުކުންކުރަން ޖެހޭ ކަމަށް ބަޔާންކޮށް ދިވެހި ބަހުގެ ބައެއް އުސްތާޒުން (މިސާލަކަށް ޖަމާލުއްދީން މުޙަންމަދު ބިން ޢީސަލްމުލަކީ (ނާއިބު ތުއްތު)، 1350ހ.، މުޙަންމަދު ޖަމީލު، 1969) ދައްކައިފައިވާ ބައެއް މިސާލުތަކުގައި ހިމެނޭ ލަފުޒެކެވެ. ނާއިބު ތުއްތު ދެއްކެވި އެއް މިސާލަކީ |ރަދުންނަށް، ރަދުންނަށަ|އެވެ. މުޙަންމަދު ޖަމީލު ދެއްކެވި އެއް މިސާލަކީ |ދަސްކުރުމަށް، ދަސްކުރުމަށަ| އެވެ. މި ދެ މިސާލުގައި ވެސް |ށް| އެ އޮތީ |އަށް|ގައެވެ. |އަށް| އެ އޮތީ ކުރީ ލަފުޒާ އެކުވެފައެވެ.

|އަކަށް| މިއީ ވެސް |އަށް| ހެން ވަރަށް އާންމުކޮށް ބޭނުންކުރާ ލަފުޒެކެވެ. މި ލަފުޒުގައި ވެސް އޮންނާނީ |ށް|އެވެ. މިސާލަކަށް: ފިހާރައަކަށް، ހިތާމައަކަށް، ފައިސާއަކަށް، މައްކާއަކަށް، މަދިރިއަކަށް، ދޮޅިއަކަށް، ޕާޓީއަކަށް، މާޒީއަކަށް، ގެއަކަށް، ބަދިގެއަކަށް.

|އަކަށް| ބައެއް ލަފުޒާ ގުޅޭ އިރު، ހަމަ |އަށް| އެ ފަދަ ލަފުޒާ ގުޅޭ އިރު އަންނަ ބަދަލުތައް |އަކަށް|އަށާއި އެ ގުޅޭ ލަފުޒަށް އާދެއެވެ. މިސާލަކަށް |ޝާހު|ގެ ފަހަތަށް |އަކަށް| ގުޅާ އިރު |ޝާހު| ނިމޭ |ު|އާއި |އަކަށް| ފެށޭ |އ| އުނިވެފައި |އ|ގައި އޮތް |ަ| |ޝާހު| ނިމޭ |ހ|އަށް ބަދަލުވެއެވެ. (ޝާހު+އަކަށް > ޝާހ+ަކަށް > ޝާހަކަށް).

|އޮފީސް|ގެ ފަހަތަށް |އަކަށް| ގުޅާ އިރު |އޮފީސް|ނިމޭ |ް|އާއި |އަކަށް| ފެށޭ |އ| އުނިވެފައި އަދި |އޮފީސް|ނިމޭ |ސ| |ހ|އަށް ބަދަލުވެފައި |އަކަށް|ގެ |އ|ގައި އޮތް |ަ| |ސ| ބަދަލުވީ |ހ|ގެ ފިއްޔަށް ބަދަލުވެއެވެ. (އޮފީސް+އަކަށް > އޮފީސ+ަކަށް > އޮފީހ+ަކަށް > އޮފީހަކަށް).

|މެހި|ގެ ފަހަތަށް |އަކަށް| ގުޅާ އިރު |މެހި|ނިމޭ |ި|އާއި |އަކަށް| ފެށޭ |އ| އުނިވެފައި އަދި |މެހި| ނިމޭ |ހ| |ސ|އަށް ބަދަލުވެފައި |އަކަށް|ގެ |އ|ގައި އޮތް |ަ| |ސ| ބަދަލުވީ |ހ|ގެ ފިއްޔަށް ބަދަލުވެފައި |ސ| ބަދަލުވީ |ހ|ގެ ކުރިއަށް |އް| އިތުރުވެއެވެ. (މެހި+އަކަށް > މެހ+ަކަށް > މެސ+ަކަށް > މެއްސ+ަކަށް > މެއްސަކަށް).

މި ގޮތަށް ސުކުން އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއޭ ނަމަ، ށަވިޔަންޏެއްގައި އެ ފިއްޔެއް ޖެހޭތީ ށަވިޔަނީގައި ސުކުން ކުރެވޭ އެހެން ބައެއް ތަންތަނާއި، ށަވިޔަނީގައި ސުކުން ކުރެވޭ އެހެން ހަމަތަކާ މެދު އެހެން ދުވަހަކުން އިރާދަކުރެއްވިއްޔާ ލިއާން ހިތުގައި އެބަ އޮތެވެ.

_____________

ހަވާލާ:

މުޙަންމަދު ޖަމީލު. (1969). ފިޔަވަޅު-1، ދިވެހިބަހުގެ ޤަވާޢިދު. ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

ޖަމާލުއްދީން މުޙަންމަދު ބިން ޢީސަލްމުލަކީ. (1350ހ.). ތާނަލިއުމުގެ ޤަޥާޢިދު. އަލްމަޠުބަޢަތުލްއަމީރިއްޔާ.

އެޑިޓަރުގެ ނޯޓު:

ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގައި ފާހަގަކުރެވޭ ލިއުންތެރިއެކެވެ. އޭނާ ލިއުއްވާ ރޮނގުތަކުގެ ތެރެއިން އެއް ރޮނގަކީ ބަހާއި ބަހުގެ ހަމަތަކުގެ ރޮނގެވެ. ދިވެހިބަހުގެ އެކެޑަމީން މި އަހަރު، ޝާއިޢުކުރެއްވި ދިވެހިބަހުގެ އާންމު ބައެއް އިސްތިއުމާލުތަކާ ގުޅޭ ފޮތް "ދިވެހި ގެ" ގެ މުޞަންނިފަކީ ވެސް ޝާހިދު ޙަލީމެވެ. ޝާހިދު ޙަލީމަކީ ޅެންވެރިއެއް ވެސް މެއެވެ. ޅެންވެރިކަމާ ގުޅޭ އޭނާގެ ދެ ފޮތެއް 2020 ގައި ވަނީ ނުކުމެފައެވެ. އެއީ އޭނާގެ ޅެން ފޮތް "ލޯ" އާއި، "ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން" އެވެ. ޝާހިދު ޙަލީމުގެ ލިއުންތަކާއި ޅެންތައް ބައެއް މަޖައްލާތަކާއި ވެބްސައިޓްތަކުގައި ވެސް ޝާއިޢުކުރެވިފައި ވެއެވެ.