ކުޅިވަރު

ޔުނައިޓެޑުން ރޮނާލްޑޯ އިއުލާނު ކުރި އިންސްޓާ ޕޯސްޓަށް ރެކޯޑް އަދަދެއްގެ ލައިކްސް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެއްބަސް ވި ކަމަށް އިއުލާނު ކޮށް، ޔުނައިޓެޑުން އިންސްޓާގްރާމްގައި ކުރި ޕޯސްޓަށް ރެކޯޑު އަދަދަކަށް ލައިކް ލިބިއްޖެއެވެ.

މިހާތަނަށް 12.9 މިލިއަން ލައިކް އެ ޕޯސްޓަށް ލިބިފައިވާއިރު، އެއީ މިހާތަނަށް ކުޅިވަރުގެ ޓީމަކުން ކޮށްފައިވާ ޕޯސްޓަކަށް އިންސްޓާގައި ލިބުނު އެންމެ ގިނަ ލައިކެވެ. ޕީއެސްޖީން މެސީ އިއުލާނު ކުރި ވީޑިއޯ ޕޯސްޓަށް އިންސްޓާގައި 7.8 މިލިއަން ލައިކް ލިބިފައިވާއިރު، ރޮނާލްޑޯގެ ޕޯސްޓަށް ގިނަ ލައިކުތަކެއް ލިބިފައިވަނީ ޔުނައިޓެޑުގެ ފޭންބޭސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފޭން ބޭސްއަށް ވެސް ވާތީއެވެ. އޭގެ އިތުރުން ރޮނާލްޑޯއަކީ ވެސް އިންޓަނެޓުގައި އެންމެ ނުފޫޒުގަދަ އެއް އެތުލީޓެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކްލަބު ޔުނައިޓެޑަށް ދާން އެއްބަސްވެފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. ރޮނާލްޑޯގެ ކެރިއަރުގައި ޕްރައިމް އަށް އަރައިގެން ދިޔަ ކްލަބު، ޔުނައިޓެޑަކީ އަބަދުވެސް ރޮނާލްޑޯ އަށް ހާއްސަ ކުލަބެކެވެ. މި ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމި ހިސާބުން އޭނާ ގެންދަން އެންމެ ގާތުން މަސައްކަތް ކުރީ މެންޗެސްޓާ ސިޓީން ނަމަވެސް، ހުރިހާ ކަމެއް ނިމިފައިވާ ކަހަލަ ގޮތަކަށް އޮއްވައި ޔުނައިޓެޑުން ވަނީ ޓްރާންސްފާގެ ތެރެއަށް ވަދެފައެވެ.

ޔުނައިޓެޑުން ރޮނާލްޑޯ ހޯދަން އެޖެންޓާ ކޮންޓެކްޓް ކުރި ހިސާބުން ސިޓީން އެ ޓްރާންސްފާއިން ބޭރުވެފައިވާ އިރު، ރޮނާލްޑޯ ޔުނައިޓެޑަށް ދާން ނިންމީ ކުރިން ގިނަ މެޗުތަކެއް ކުޅެ، ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ކުލަބަކަށް ދިއުމުގެ ބޭނުމުގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މެންޑޭޒްއާ ހަމައަށް ޔުނައިޓެޑުން ދިއުމާ އެކު ރޮނާލްޑޯ ވަނީ "ޔުނައިޓެޑަށް ދާން ބޭނުންވާ،" ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ވަނީ އޭނާ ކެރިއަރުގައި މުހިންމު ދުވަސްތަކެއް ޔުނައިޓެޑް ޖާޒީގައި ކުޅެފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އެ ދުވަސްތަކުގައި އޭނާ ވަނީ އެ ކުލަބާ އެކު ތިން ފަހަރު ލީގު ހޯދައި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ޔުނައިޓެޑަށް ކުޅެމުން ރޮނާލްޑޯ ފުރަތަމަ ބެލޮންޑިއޯވެސް ހޯދި އިރު، އޭނާއަކީ އެ ކުލަބާއެކު ކްލަބު ވޯލްޑް ކަޕުވެސް ހޯދި ކުޅަދާނަ ފޯވަޑެކެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި މިހާތަނަށް 780 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ މުޅި ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.