ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯއެއްވެސް ލީކުވެއްޖެއެވެ.

މީގެ ކުރިން އެ ބެންޗުގައި އިންނެވި ގާޒީ ހުސައިން ފާއިޒު ކަމަށް ބުނާ މީހެއްގެ އޯޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ.

ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާގެ އޯޑިއޯގައި ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު އޭނާއާ ސުވާލުކުރާ އަޑު އިވެއެވެ. އެގޮތުން ރައީސް ޔާމީން މައްސަލަ ބެއްލެވި ބެންޗުގައި އިންނަވަން އެއްވެސް ބަޔަކު ނުފޫޒު ފޯރުވާފައިވޭތޯ އަދި ރައީސް ޔާމީންގެ މައްސަލައިގައި އެއްވެސް މީހަކާ ބައްދަލުކުރިތޯ މީހަކު ސުވާލުކުރާ އަޑު އިވެއެވެ.

ސުވާލުތަކަށް ޖަވާބުދެމުން ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާ، ސަރުކާރުގެ ބޭފުޅަކާ ބައްދަލުކުރަން އެންގުމުން އެ މީހަކާ ބައްދަލުކޮށްފައިވާނެ ކަމަށާއި ނަމަވެސް އެއީ ކާކުކަން އޭނާއަށް ނޭނގޭ ކަމަށް ބުނެއެވެ. ނަމަވެސް އޭނާއާ ބައްދަލުކޮށްފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް އޭނާ ފަހުން ބުނެއެވެ.

އަދި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާ އެކު ބެންޗުގައި އިންނެވުމަށާއި އެއްވެސް ވާހަކައެއް ދައްކަވާނެ ކަމެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށްވެސް ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާ ބުނާ އަޑު އިވެއެވެ.

އޭނާ ވަނީ ރައީސް ޔާމީނަށް ކުރި ހުކުމުގައި އޮތް އެއްޗެއް އޭނާއަށް ނޭނގޭ ކަމަށާއި އަދި މައްސަލަ ހިންގެވި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށްވެސް ބުނެފައެވެ.

"އަޅުގަނޑު އިނީ ބެންޗުގައި އެބޭފުޅާ (އަލީ ޒާހިރު) ދެންނެވި ގޮތަށް. އަޅުގަނޑަކަށް ހަގީގަތުގައި ނޭނގެ އޭގައި (ރައީސް ޔާމީނަށް ކުރި ހުކުމުގައި) ލިޔެފައި އޮތީ ކޯއްޗެއް ކަމެއްވެސް،" ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާ ބުނެފައިވެއެވެ.

އޯޑިއޯގައި ގާޒީ އަލީ ރަޝީދު އޭނާއާ ބައްދަލުކުރެއްވިތޯ ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާއާ ސުވާލު ކުރުމުން، ގާޒީ އަލީ ރަޝީދު ބައްދަލުކުރެއްވި ކަމަށާއި އަދި ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެ ކަމަށް ވިދާޅުވި ކަމަށް ބުނެއެވެ.

އެގޮތުން ރައީސް ޔާމީނަށް ހުކުމް ކުރުމަށްފަހު އަލީ ރަޝީދު ސުޕްރީމް ކޯޓަށް ބަދަލުކުރާނެ ކަމަށާއި އަދި އޭނާއަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީކަން ދިނުމަށް ސަރުކާރުގައި އެދޭނެ ކަމަށް އަލީ ރަޝީދު ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށްވެސް ގާޒީ އަލީ އާދަމް ކަމަށް ބުނާ މީހާ ބުނާ އަޑު އޯޑިއޯއިން އިވެއެވެ.

ގާޒީ މުހައްމަދު ސަމީރު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އެ އޯޑިއޯގައި އޭނާ ބެންޗުގައި އިންނެވީ ކޮންމެވެސް ފައިދާއެއްވާތީ ކަމަށް ބުނެ މީހަކު ތުހުމަތު ކުރުމުން، ސަމީރު ކަމަށް ބުނާ މީހާ، "އެއީ އަލީ ރަޝީދު ކޮށްގެން އުޅޭ ކަމެއް" ކަމަށް ބުނެއެވެ. އޭގެ ފަހުން ދައްކާފައި ހުރި ވާހަކަތައް މާބޮޑަކަށް ސާފެއް ނުވެއެވެ.

މި އޯޑިއޯތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީނަށް ކުރި ހުކުމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މި އޯޑިއޯތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ބަލަން ފަށައިފައެވެ.