ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ގެޓާފޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި 26،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ބާސާ އިން ކާމިޔާބު ކުރީ 2-1ގެ ނަތީޖާ އަކުންނެވެ. މެޗުން ބާސާ މޮޅުވި ގޯލު ޖަހައި ދިނީ ނެދަލޭންޑްސްގެ ތަރި މެމްފިސް ޑިޕޭއެވެ. ހިލޭ ޓްރާންސްފާއެއްގައި މި ސީޒަނަށް ބާސާއަށް ގެންދިޔަ ޑިޕޭ ވަނީ މިހާތަނަށް ބާސާ އިން މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ކުޅުނު ތިން މެޗުން ބާސާއަށް ދެ މޮޅު ލިބިފައިވާ އިރު، ފުރަތަމަ މެޗުގައި ޑިޕޭ ވަނީ މޮޅު އެސިސްޓެއް ހަދައިފައެވެ.
އޭގެ ފަހުން އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޑިޕޭ ގޯލު ޖެހި އިރު، މިރޭގެ މެޗުގައިވެސް އެންމެ މުހިންމު ގޯލު ޖެހީ ޑިޕޭއެވެ. ލިއޮނެލް މެސީއާ ނުލާ ބާސާ އިން އާ ފެށުމަކަށް ތައްޔާރުވަމުންދާ އިރު، މިވަގުތަށް އެޓީމުގެ ހީރޯއަކީ ޑިޕޭއޭ ބުނެވިދާނެއެވެ. އޭނާ އަންނަނީ ޓީމަށް އެންމެ މުހިންމު ދަނޑިވަޅުގައި ތަފާތު ދައްކަމުންނެވެ.
މިރޭގެ މެޗުގެ 99 ވަނަ ސިކުންތުގައި ބާސާއިން ލީޑު ނެގިއެވެ. އަރިމަތިން ޖޯޑީ އަލްބާ ނަގައިދިން ހުރަސް ގޯލަށް ވައްދާލައި ބާސާއަށް ލީޑު ނަގައި ދިނީ ސާޖިއޯ ރޮބާޓޯއެވެ. އެ ގޯލާ އެކު ބާސާއިން ހަމަޖެހިލި ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ގެޓާފޭއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ކާލެސް އެލޭނާއާ އެކު ރީތި ވަންޓޫއެއް ހަދައި ސާންޑްރޯ ރަމިއެރޭސް ގޯލަށް ބޯޅަ ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.
އެ ގޯލާ އެކު ހާފު ނިމެންދިޔަ ނަމަވެސް ބާސާއިން ވަނީ 30 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައިފައެވެ. މެދުތެރެއިން ފްރޭންކް ޑިޔޯންގް ދިން ޕާހަކުން އެ ބޯޅަ ގޯލަށް ވައްދާލީ ޑިޕޭއެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ 17 އަހަރުގެ ގަވީ، އޭނާގެ ފުރަތަމަ މެޗަށް ދަނޑަށް ނެރެފައެވެ. މެޗުގައި ބާސާއަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުރުމަށްފަހު ގޯލްކީޕަރު މާކް އެންދްރޭ ޓާ ސްޓާގަން މެޗުގެ ފުރަތަމަ 11 ގައި ހިމެނުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު