ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރެއް ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯތަކެއް ލީކުކޮށްލުމުގެ ފަހަތުގައި ހުރީ ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުތޯ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ސުވާލު އުފައްދަވައިފިއެވެ.
އާދަމް ޝަރީފު އެހެން ވިދާޅުވީ، ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި އެމަނިކުފާނު އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ކޯޓުތައް އެއްކޮށް އޮތީ ހައިޖެކް ކޮށްފައި ކަމަށާއި މިއަދު ލީކުވި އޯޑިއޯތަކާ އެކު ފަނޑިޔާރުގޭގެ އެއްވެސް އަގެއް ނެތްކަން ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަކިވެފައިވާ ބައެއް ބޭފުޅުން ސަރުކާރު ފިތްކަނޑައިގެންދާ ވަރުގެ ކަންކަން ހާމަކުރާނެކަމުގެ އިންޒާރު ދީފައިވާ އިރު، އޯޑިއޯތައް ލީކުވެފައި ވަނީ އަލީ ވަހީދުގެ އަތެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
"ލީކުވެފައިވާ އޯޑިއޯތައް ލީކުވެފައި ވަނީ އަލީ ވަހީދުގެ އަތެއް އޮވެގެން ނޫންބާވައޭ ހިތައް އަރާ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރު އެކީގައި ފެއިލްވެއްޖެ ކަމަށާއި ގައުމުގައި އަދުލުއިންސާފު ގާއިމު ކުރެވޭނީ ރައީސް ޔާމީން މިނިވަން ކޮށްގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު