މި މަހުގެ 19 ވަނަ ދުވަހު ކ. ރަސްފަރީ ފަރަށް އުރުނު ބޮޑު އާގު ބޯޓު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު 14:08 ހާއިރު އެ ބޯޓް ފުންކޮށްފައި ވަނީ، ކޯސްޓްގާޑާއި ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ނަމަކަށް ކިޔާ އެ ބޯޓު މިއަދު ފުންކޮށްފައިވަނީ އެކަމަށް ހާއްސަ ސެލްވޭޖް ކުންފުންޏެއްގެ ބެލުމުގެ ދަށުންނެވެ.

ބޯޓު ފުންކޮށްފައިވަނީ ވެރި ފަރާތުން ރާއްޖެ ގެނައި ދެ ޓަގު މެދުވެރިކޮށް ކަމަށް ވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ އޭޖެންޓް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުން ވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އެ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުން އަންނަ އިރު، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.