ޚަބަރު

ވައިބަރުގައި ޝުއޫރެއް ފާޅުކޮށްގެން ވަކިކުރި އޭސީސީސީގެ އިންވެސްޓިގޭޝަން އޮފިސަރަށް ވަޒީފާދޭން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ވައިބަރު ގްރޫޕެއްގައި ފާޅުކުރި ޝުއޫރެއްގެ ސަބަބުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރު ކަމުގެ މަގާމުން ވަކި ކުރި ރިޒްމީނާ އަށް އަލުން ވަޒީފާ ދޭން ހައިކޯޓުން ހުކުމް ކޮށްފިއވެ.

މި މައްސަލައަކީ 21 ނޮވެންބަރު 2012 އިން ފެށިގެން އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރު ކަމުގެ މަގާމު އަދާ ކުރަމުންދިޔަ ރިޒްމީނާ، އެތަނުގެ މުވައްޒަފުން ހިމެނޭ އޮފިޝަލް ވައިބަރު ގްރޫޕެއްގައި ފާޅުކުރި ޝުއޫރެއްގެ ސަބަބުން އެއްވެސް ނަސޭހަތެއް ނުވަތަ އިންޒާރެއް ނުދީ ވަޒީފާއިން ވަކި ކުރި މައްސަލައެކެވެ.

މި މައްސަލައިގައި ރިޒްމީނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ 14 ޑިސެމްބަރު 2017 ގައެވެ.

ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ރިޒްމީނާ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

މައްސަލަ ހުށަހެޅީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭ ތާރީހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، ރިޒްމީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމަލުތައް ހުންނަ ގޮތުން އޭސީސީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ ކޮމިޝަނަށް ގެއްލުން ލިބިދާނެ ކަމަށް ފެންނާތީ، ވަޒީފާއާ ބެހޭ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި އޭނާ ވަކި ކުރީ ވަޒީފާއާބެހޭ ގާނޫނު ހުއްދަ ކުރާ ފަދަ

އެކަށީގެން ވާ ސަބަބެއް އޮވެ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމަށްފަހުގައި ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް އެދިފައިވާ ފަދަ އަމުރެއް އޭސީސީގެ މައްޗަށް ކުރާނެ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ނިންމާ ކަމަަށްވެސް ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ރިޒްމީނާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން އެ މައްސަލަ ބަލައި ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ، ވަޒީފާއާބެހޭ ގާނޫނާއި، އޭސީސީގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ރިޒްމީނާ އޭސީސީގައި އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް ލިބުމުގެ ފުރުސަތު އޭސީސީން ރިޒްމީނާ އަށް ހަމަޖައްސައިދިނުމަށާއި ރިޒްމީނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާތީ، އޭސީސީން ރިޒްމީނާ އަށް ހަމަޖައްސާ ވަޒީފާއަށް، ރިޒްމީނާ ރުޖޫއަ ކުރުމަށް ކޯޓުން އަމުރު ކޮށްފި ނަމަ، ނޭދެވޭ ނަތީޖާތަކެއް ނިކުތުމުގެ ފުރުސަތު އޮވެދާނެތީ، އޭސީސީން ރިޒްމީނާ އަށް ހަމަޖައްސާ ވަޒީފާއަށް ރުޖޫއަވާން ރިޒްމީނާ އެދޭ ނަމަ، އެފުރުސަތު ރިޒްމީނާ އަށް ދިނުމަށް ވެސް ނިންމާފައިވެ އެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލު ކަމަށްވެސް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.