އެއީ މަންމަގެ ދެ ލޮލުގެ ފިނިކަމެވެ. ހިތުގެ ވިންދެވެ. ބައްޕަގެ ދެލޮލުގެ ނޫރެވެ. އެއްވެސް ކަމެއް އުންޏެއް ނޫނެވެ. ގަޑިން ގަޑިއަށް ކާންދިނުމާއި ފެންވެރުވުމާއި ބޭނުންވާ އެއްޗިހި ހޯދައިދިނެވެ. މާމަ އާއި ކާފަގެ ރަން ދޫންޏެވެ. ދެ ލޮލުގެ ކޮއެވެ. އެކަމަކު ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ.

އިއްޔެ ހަވީރު މުޅި ގައުމު ސިއްސުވާލީ އދ. އޮމަދޫން އެންމެ 11 މަހުގެ ތުއްތު ތުއްތު ފިރިހެން ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި މަރުވި ހަބަރެވެ. ހިތްފަޅައިގެންދާ ވަރުގެ ހަބަރެކެވެ. ނުވެސް ދަންނަ ކުއްޖެއްގެ މަރާއެކު އާންމު މީހާގެ ހިތަށް އެވަރު އަސަަރެއް ކޮށްފިނަމަ އޭނާގެ މައިން ބަފައިންނާއި އާއިލާގެ މީހުންނަށް ކުރާނެ އަސަރު ވިސްނާލާށެވެ.

"ތިއީ އަޅައިނުލުމުގެ ސަބަބުން ދިމާވި ކަމެއް." "ދަރީނަށް އަޅައިލީ ނަމަ ތިހެނެއް ނުވާނެ." "ކިހާ ރީއްޗަކަށް ދަރި ބެލީމަ އެ ދަރި އޭގެ ތެރޭގަ މަރުވެފަ އޮތީ..." މިއީ ސޯޝަލް މީޑިއާގައި "ޓިޕިކަލް" ދިވެހިންގެ ޝުއޫރުތަކެވެ. ވާނުވާ ބަލައިނުލައި ފާޑު ކިޔައި އެހެން މީހުން ކުށްވެރިކުރުމަކީ ދިވެހިންގެ އާދައެކެވެ. އެކަމަކު ކިތަންމެ ލޯބިން ބަލައި ބޮޑު ކުރި ދަރިއަކުވެސް އެ ފަރާތުން ގެންދަވަން ވީމަ ގެންދަވާނެ ކަން ނުވިސްނެނީ ހެއްޔެވެ؟ މައިންބަފައިން ކިތަންމެ ލޯބިން ބަލައި ބޮޑުކުރިޔަސް އެ ފަރާތުން ބަލައި ފޮނުއްވުމުން އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ އެވެ. އެކަމަކު މި ފަދަ ކަންކަން ވިސްނާ މީހުން މަދެވެ. މިފަދަ ހާދިސާއެއް ހިނގުމުން ގުޅުން ހުރި ފަރާތްތަކުން ތަހައްމަލުކުރަމުން ދާނޭ ހިތްދަތި ވޭން އިހުސާސް ނުކުރެވެނީ އެވެ.

މިފަދަ ކޮންމެ ހާދިސާއަކާ އެކު އެތައް ފާޑު ކިޔުންތަކެއް އާދެ އެވެ. ކޮންމެ މަރަކާއެކު މިފާޑު ކިޔުންތައް ތަކުރާރު ވެއެވެ. ނަމަވެސް މި ހުރިހާ ފާޑު ކިޔުންތަކަށް މަރުވި ތުއްތު ކުއްޖާގެ އަވައްޓެރީން ހޫނު ރައްދު ދިނެވެ. މުޅި އޮމަދޫ އެކީ އެކަމާ ދެކޮޅަށް ތެދުވި އެވެ.

"ވަން" އާ ވާހަކަ ދައްކަމުން މަރުވި ތުއްތު ކުއްޖާގެ އަވައްޓެރިޔަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ބުނީ އެ ކުއްޖާ އަކީ އެ ކުއްޖާގެ މަންމަގެ ފުރާނަ ފަދައިން ލޯބިން ގެންގުޅުނު ކުއްޖެއް ކަމަށެވެ. އެއްވެސް ކަމެއް އުނިވިޔަ ނުދީ ކުއްޖާގެ ހުރިހާ ކަމެއް ފުރިހަމަ ކުރި ކަމަށެވެ.

އެމީހާ ބުނީ އެ ގޭގައި ދިރިއުޅެނީ ކުއްޖާގެ މާމަ އާއި ކާފަ އާއި ކުއްޖާގެ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާ އާއި ދަރިފުޅާއި ކުއްޖާގެ މަންމަ އާއި ބައްޕަ އާއި ދޮންބެ ކަމަށެވެ. ނަމަވެސް އެ ވަގުތު މާމަ އާއި ބޮޑުދައިތަ އާއި އޭނާގެ ދަރިފުޅު ވަނީ މާލެ އަށް ބޭސްފަރުވާ އަށް ގޮސް ކަމަށެވެ. އެހެން ކަމުން ގޭގައި އަންހެނަކަށް ހުންނަނީ ކުއްޖާގެ މަންމަ އެކަނި ކަމަށެވެ.

"މި ކުއްޖާގެ މަންމަ ގޭގަ ހުރިހާ ކަމެއް ކުރާނެ. އަދި ހުންނާނެ ތިން އަހަރުގެ ކުއްޖެއްވެސް. އެ ދެކުދިން ގޮވައިގެން ހުރިހާ ކަމެއް ކުރާނީ. ދެން ކުއްޖާގެ ބައްޕަ އާއި ބޮއްތަބެ (ބޮޑުދައިތަގެ ފިރިމީހާ) ގޭގަ މަސައްކަތެއްގަ އުޅެފަ އެ ގަޑި އެއީ ބޭރަށް ދިޔަ ގަޑި. ދެ ކުދީންނަށް ކާންދީގެން ފެންވަރުވައިގެން ދެ ކުދިން ގޮވައިގެން ނިންދަވަން ދިޔައީ." އޭނާ ބުންޏެވެ.

މަރުވި ކުއްޖާގެ މަންމަ އަކީ އާންމުކޮށް ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިގެން ދެ ކުދީން ނިންދަވަން އޮންނަ މީހެއް ކަމަށާއި އެއީ އެ މީހުން ނިންދަވާލާފައި ބޭރުގަ އުޅޭ ވަގުތު ރޯ އަޑު ނީވިދާނެތީ ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގީ ދެ ކުދިން ނިންދަވަން ވެގެން އޮއްވައި އަންހެން މީހާ އަށްވެސް ނިދި ޖެހުނު ވަގުތު ކަމަށާއި އެއީ އެ ކުއްޖާ ހޭލައިގެން ނިކުމެގެން ދިޔަ ކަން މަންމަ އަށް ނޭނގުނު ސަބަބު ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

"ދެން ވަރުބަލިވީމަ ނިދުނީ. ދެ ކުދީން ނިންދަވާފަ ދެން ވަރުބަލިވީމަ ނިދިދާނެ. އެވަގުތު ކަމަށްވަނީ މި ކުޑަ ކުއްޖާ ނިކުމެގެން ދިޔައީ. ވަރަށް ކުޑަކޮށް ހިނގާނެ. އެ ކުއްޖާ އުޅޭ ކޮޓަރި އާއި މަސްފެންގަނޑު ހުންނާނީ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ދުރުމިނުގަ. މި މަސްފެންގަނޑުގަ ފުން މިނުގަ ނުހުންނާނެ ފޫޓެއްވެސް. އެއީ އެގޭގަ ވަރަށް ގިނަދުވަހެއް ވެއްޖެ ހުންނަ ފެންގަނޑެއް. މީގެ ކުރީން އެ ކުދީން އެ ފެންގަނޑާ ކައިރިވެސް ނުވާނެ. ނުދާނެ ބޭރަށްވެސް މިގޮތަށް ނިކުމެގެން. އެކަމަކު ދެން ކީކޭތޯ ބުނާނީ. އެއީ ކުދީންނަށް ވަރަށް ރަނގަޅު މަންމައެއް. އެކުއްޖާ އަކީ އަޅުގަނޑަށްވެސް އަމިއްލަ ދަރިއެއް ފަދަ ކުއްޖެއް." އަސަރާއެކު އޭނާ ބުންޏެވެ.

އާންމުކޮށް އެގެއަށް ގޮސް އުޅޭ އެންމެ ގާތުން އެ ކުދީންގެ ކަންކަމާއި އެ ގޭތެރޭގެ ހާލަތު ދަންނަ މީހަކު "ވަން" އަށް ބުނީ ސޯޝަލް މީޑިއާގައި އިހުމާލޭ ކިޔައިގެން ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި އެ ކުއްޖާ މަންމަ އަކީ އެއްވެސް ދަރިއަކަށް ތަފާތު ކުރުމެއް ނެތި ލޯބިން ގެންގުޅޭ މީހެއް ކަމަށެވެ. ހާދިސާ ހިނގީ އެ މަންމަގެ އިހުމާލުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ކުއްޖާގެ މަންމަ އަކީ ދުވަހަކުވެސް ކުދީންނަށް ހަޅޭލަވައި ކުދިންނަށް ގޮތް ގޮތް ހަދާ މީހެއް ނޫން. އެކަމަކު އިއްޔެ ދެން އެ ކުއްޖާ ހިތަށް އެރީ ކަންނޭނގެ ނިކުމެގެން ދާން. ވަރަށް އެހެން ކަހަލަ ގޮތަކަށް ހިނގައިދިޔަ ހާދިސާއެއް މީ. ދެން އޭނާ ނިދިފަ އޮތް ވަގުތު ކުއްޖާ ނިކުމެގެން ދިޔަ ކަމަށް މިވީ. ވަރަށް ނުދާނެ އެ މަސްފެންގަނޑު ކައިރިއަށް. ކުދިން ތިބޭތާ މިހެން ގޭގަ ހަދާފަ ހުންނަ މަސްފެންގަނޑު ކައިރީގަ. އެކަމަކު މި ކުދީން ތިބޭތަނެއް ނުފެނޭ ދުވަހަކުވެސް." އޭނާ ބުންޏެވެ.

ކުއްޖާގެ މަރާއެކު މުޅި އޮމަދޫ އަށް ހިތްދަތިކަން ވެރިވެފައިވާއިރު އެންމެންވެސް ތިބީ ކުއްޖާގެ މަރު ގަބޫލު ކުރަން ދަތިވެފަ އެވެ. އެކަމަކު މިއީ ބެލެނެވެރިޔާ ނުވަތަ ކުއްޖާގެ މަންމަ އާއި ބައްޕަގެ އިހުމާލުން ވީ ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ.

ކުއްޖާގެ މަރުގެ ހަބަރާއެކު މާމަ އާއި އެ ކުއްޖާގެ ބޮޑުދައިތަ އިއްޔެ ހަވީރު އޮމަދޫ އަށް ވަނީ ގޮސްފަ އެވެ. ނަމަވެސް ކުއްޖާ މަރުވެފައި އޮތްކަން ގަބޫލު ކުރަން ދަތިވި ކުއްޖާގެ މާމަ އަށް އެ ތުއްތު މައުސޫމު މޫނު ބަލަން ކެތެއް ނުވި އެވެ. އެއަށް ވުރެ ކުރިން މާމަގެ ހެޔަށް ގޮތް ވެ ފަރުވާ ދޭންވެސް ޖެހުނެވެ. މަންމަ އަށް ލިބުނު ޝޮކާއެކު ހާލު ދެރަވެ ފަރުވާވެސް ދޭން ޖެހުނެވެ.

ކުއްޖާ މަސްފެންގަނޑަށް ވެއްޓުނު ސީދާ ގަޑިއެއް މިހާތަނަށް އެނގިފައި ނުވާއިރު ކުއްޖާ މަސްފެންގަނޑު ތެރޭގައި އޮއްވައި ފެނުނީ އެކުއްޖާގެ ބޮޑުބޭބެ އަށެވެ. އަވައްޓެރިޔަކު "ވަން" އަށް ބުނީ ކުއްޖާގެ ބޮޑުބޭބެ އަސުރު ނަމާދަށް ފިހާރަ ބަންދު ކުރުމަށްފަހު ގެއަށް ދިޔަ ވަގުތު އެ ކުއްޖާ މަސްފެންގަނޑުތެރޭގައި ހަރަކާތް ހުއްޓިފައި އޮތްތަން ފެނުނު ކަމަށާއި އެ ވަގުތު އެ ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ދެ ގަޑި އިރުވަންދެން ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ނިންމާފަ އެވެ.

ކުއްޖާގެ މަރާއެކު މުޅި އޮމަދޫ ވަނީ ހަމަހިމޭންވެފަ އެވެ. ކުއްޖާގެ ޖަނާޒާ ރޭ 9:30ގައި އޮމަދޫގައި ވަނީ ބާއްވާފަ އެވެ. ކުއްޖާ މަރުގައި އިހުމާލެއްވޭތޯ ބެލުމަށް އެރަށުގައި ފުލުހުންގެ ޓީމެއް އަންނަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.