އެމްޕީއެލްއިން ސެންޓާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ބަންނަން ހަވާލު ކުރި ޓަގް ބޯޓުގެ މައްސަލައިގައި، އެމްޕީއެލްއިން ސެންޓާ އެންޓަޕްރައިސަސް އަށް 138.9 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ސެންޓާ އެންޑާޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ.
ސުޕްރީމްކޯޓުގައި މިއަދު އޮތް އަޑުއެހުމަށް މި މައްސަލަ ހުށަހަޅުއްވަމުން ސެންޓާ އެންޑާޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކޮށްފައި ވަނީ، ކޯޓުތަކުގެ ގާނޫނުގެ ބައެއް މާއްދާތަކާއި، ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް އަދި ނިހާއި ހުކުމެއް އައިސްފައި ނުވާ މައްސަލައެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އިސްތިއުނާފީ ނުކުތާތައް ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ، އެ މައްސަލައިގައި ސެންޓާ އެންޓާޕްރައިސަސް އިން އެދެނީ ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރަން ނުވަތަ، އެއީ ހައިކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ނިންމައި އެ މައްސަލަ ހައިކޯޓަށް ތަހުވީލު ކޮށްދިނުމަށް ކަމަށެވެ.
އެމްޕީއެލްގެ ވަކީލު މުހައްމަދު ހިލްމީ ވިދާޅުވީ، މައްސަަލަ އިސްތިއުނާފު ކޮށްފައި ވަނީ ހަގީގަތާ ހިލާފު ވާހަކަ ތަކަކަށް ބިނާކޮށް ކަމަށެވެ.
އެ ފައިސާ އަކީ ގާނޫނީ ގޮތުން ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ބެލޭނެ މައްސަލައެއް ނޫން ކަމަށާއި، އެހެންކަމުން ހައިކޯޓުގެ ހުކުމަަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މައްސަލަ ނިންމައި ދިނުމަށް ވެސް އެމްޕީއެލްގެ ފަރާތުން ވަކީލު ހިލްމީ ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައަކީ ސެންޓާ އެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްޕީއެލްގެ ނަމުގައި ކ.ތިލަފުށީގައި ޓަގް ބޯޓެއް ބަނދެ ސަޕްލައި ކުުރުމުގެ ގޮތުން ފޯރުކޮށްދިން ހިދުމަތާއި، އެ ޓަގުގެ 60 އިންސައްތަ މަސައްކަތް ނިންމުމުން އެކަމުގެ އަގަަށް ސެންޓާ އެންޓަޕްރައިސަސް އިން ހުށަހެޅި ފައިސާ ދައްކާފައިވަނީ މުއްދަތު ފަހަނަ އަޅައި ދިއުމުން ކަމަށް ވާތީ، ފައިސާ ނުދައްކައި ވޭތުވި 1065 ދުވަހަށް އިންވޮއިސްގެ ޖުމުލަ އަދަދުގައި ބުނާ 13.7 މިލިޔަން ރުފިޔާގެ ދެ ޕަސެންޓާއި އެއްވަރުގެ ސާޗާޖެއްގެ ގޮތުގައި، އެކު ޖުމުލަ 293.3 މިލިޔަން ރުފިޔާ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ބުނެފައިވަނީ ފައިސާ ނުދައްކައިގެން ދެ ޕަސެންޓް ޖޫރިމަނާ ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ މާއްދާ ކެންސަލް ކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވި ނަމަވެސް އެ މާއްދާ އަކީ ކެންސަލް ކުރެވިފައިވާ މާއްދާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ފައިސާ ނުދައްކާ މުއްދަތުގެ ގޮތުގައި ސެންޓާ އެންޓަޕްރައިސަސް އިން 1065 ގޮތުގައި ހިމަނާފައިވީ ނަމަވެސް އެ ދުވަސްތަކުގެ އަދަދަކީ 1009 ދުވަސް ކަމަށް އެނގެން އޮންނަ ކަމަށާއި، އެހެންކަމުން ޖޫރިމަނާ ފައިސާ ހިސާބު ކުރަން ޖެހޭނީ އެ ދުވަސްތަކުން ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން އިންވޮއިސްގެ ޖުމުލަ ފައިސާ ކަމުގައިވާ 13.7 މިލިޔަން ރުފިޔާގެ، ގެ ދެ ޕަސެންޓުން ދުވާލަކަށް ޖެހޭ 275،425.33 ރުފިޔާ 1009 އާ ގުނަ ކުރުމުން 277.9 މިލިއަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް މިފަދަ ޖޫރިމަނާ ނަގައި ދިނުމުގައި ޖޫރިސްޑިކްޝަން ތަކުގައި، އިންވޮއިސްގައިވާ ޖުމުލަ ފައިސާ ދައްކައި ހަލާސްކޮށްފައި އޮތުމުން ޖޫރިމަނާގެ ފައިސާގެ އަދަދަށް ޖެހޭ 277.9 މިލިއަން ރުފިޔާ ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމުން 138.9 މިލިޔަން ރުފިޔާ އަކީ، ދައުވާ ލިބޭ ފަރާތުން ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް ހިނގާފައިވާ 1009 ދުވަހުގެ ޖޫރިމަނާ ކަމުގައި ސިވިލްކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް އެމްޕީއެލްއަށް، 26 ޑިސެމްބަރު 2016 ގައި ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ އެމްޕީއެލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން ވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ.
ސުޕްރީމް ކޯޓް